ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 22:57
ގުއާމްގެ އެންޑަރސަން އެއަރފޯސް ބޭސްގައި ބަހައްޓާފައިވާ ތާޑް ސިސްޓަމް
ގުއާމްގެ އެންޑަރސަން އެއަރފޯސް ބޭސްގައި ބަހައްޓާފައިވާ ތާޑް ސިސްޓަމް
ރޮއިޓާސް
އީރާން-އިޒްރޭލު ހަނގުރާމަ
އެމެރިކާގެ "ތާޑް" މިސައިލް ދިފާއީ ނިޒާމުގެ ބައިތައް އިޒްރޭލަށް ފޮނުވަން ފަށައިފި
އެމެރިކާއިން ބުނެފައިވަނީ އަލަށް ފޮނުވާ މިސައިލް ދިފާއީ ނިޒާމު އިޒްރޭލުގައި ގާއިމު ކުރެވި އަވަހަށް މަސައްކަތް ކުރަން ފަށާނެ ކަމަށް

އިޒްރޭލު ދިފާއު ކޮށްދިނުމަށް އެމެރިކާއިން ފޮނުވާ އެންމެ ޒަމާނީ ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މިސައިލް ދިފާއީ ނިޒާމް އިޒްރޭލުގައި މާލަސްތަކެއް ނުވެ މަސައްކަތް ކުރަން ފަށާނެ ކަމަށް ޕެންޓަގަން އިން ބުނެފިއެވެ.

ޕެންޓަގަނުން އިތުރަށް ބުނީ މިސައިލް ދިފާއީ ނިޒާމުގެ ބައިތައް އިޒްރޭލަށް ފޮނުވަން ފަށައިފި ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެމެރިކާ ސިފައިންނާއި ތާޑް ބެޓަރީގެ ބައިތައް އިޒްރޭލަށް ފޮނުވަމުން ގެންދާނެ،" ޕެންޓަގަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ބުނި ކަމަށް ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ.

"ބެޓަރީ ފުރިހަމައަށް މަސައްކަތް ކުރަން ފަށާނެ ކުރިއަށް އޮތް ތާނގައި، އެހެންނަމަވެސް އޮޕަރޭޝަންތަކުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ވަކި ތާރީޚެއް ބުނާކަށް ނެތިން."

ތާޑް އަކީ ރާޑަރާއި އިންޓަރސެޕްޓަރތައް ބޭނުންކޮށްގެން ކުރު، މެދު އަދި ދުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ ޒަމާނީ މިސައިލް ދިފާއީ ނިޒާމެކެވެ. މި ނިޒާމުގެ މިސައިލްތަކުގެ ރޭންޖަކީ 150ން 200 ކިލޯމީޓަރު (93 - 124 މޭލު) އެވެ.

މި ނިޒާމު އުފައްދަނީ އެމެރިކާގެ އަސްކަރީ އާލާތްތަކާއި މަތިންދާބޯޓު އުފައްދާ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިން އިންނެވެ.

ތާޑް ދިފާއީ ނިޒާމް ހިންގުމަށް 95 ސިފައިން ބޭނުންވެއެވެ. އެމެރިކާއިން ނިންމާފައިވަނީ ތާޑް ބެޓަރީ ސިސްޓަމް އޮޕަރޭޓް ކުރަން ބޭނުންވާ ސިފައިންވެސް އިޒްރޭލަށް ފޮނުވުމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ތާޑް ދިފާއީ ނިޒާމު ގާއިމް ކުރަން އެމެރިކާގެ 100 ސިފައިން މިހާރުވަނީ އިޒްރޭލަށް އައިސްފައެވެ. މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ނިޒާމު ގާއިމް ކުރަނީ އިޒްރޭލުން އީރާނަށް ދީފާނެ ހަމަލާއެއްގެ ބަދަލުގައި އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކުން އިޒްރޭލު ރައްކައުތެރި ކުރުމަށް ވާއިރު އިޒްރޭލާ އީރާނާ ދެމެދު ހަމަލާތައް ބަދަލު ކުރެވޭ ހާލަތެއްގައި އެމެރިކާގެ ސިފައިން އިޒްރޭލުގެ ބިމުގައި ދެމި ތިބޭނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ތާޑް ބެޓަރީއެއްގެ އަގަކީ 1 ބިލިއަން ޑޮލަރާއި 1.8 ބިލިއަން ޑޮލަރާ ދެމެދުގެ އަގެކެވެ.

އެމެރިކާގެ ސިފައިންވަނީ މިހާތަނަށް 7 ތާޑް ބެޓަރީ ނިޒާމް ގާއިމް ކޮށްފައެވެ. މީގެ ތެރޭގައި ދެކުނު ކޮރެއާ އާއި ގުއާމްގައި ބަހައްޓާފައިވާ ބެޓަރީތައް ހިމެނެއެވެ.

އީރާނުގެ އައު ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތަކާ ދެކޮޅަށް އެމެރިކާގެ ޒަމާނީ ތާޑް ނިޒާމު ބޭނުންތެރިތޯ ބެލުމަށް ވޮޝިންގްޓަން ބޭނުންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް