ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 14:25
ފެންވަރާ ޝަވަރަށް ވުރެ ދަތް އުނގުޅާ ބުރުހުގައި މާގިނައިން ޖަރާސީމު ހުންނަ ކަމަށް ދިރާސާވެރިން ބުނޭ
ފެންވަރާ ޝަވަރަށް ވުރެ ދަތް އުނގުޅާ ބުރުހުގައި މާގިނައިން ޖަރާސީމު ހުންނަ ކަމަށް ދިރާސާވެރިން ބުނޭ
ރެޑިޓް
ބެކްޓީރިއާ އާއި ވައިރަސް
ދަތް އުނގުޅާ ބުރުހާ ފެންވަރާ ޝަވަރު ބެކްޓީރިއާ އާއި ވައިރަހުން ފުރިފައި: ދިރާސާ
މި ދިރާސާ އިސްވެ ކުރިއަށް ގެންދެވި ނޯތްވެސްޓަން ޔުނިވަރސިޓީގެ ދިރާސާވެރިއެއް ކަމުގައިވާ އެރިކާ އެމް. ހާޓްމަން ވިދާޅުވަނީ، ދިރާސާއިން ފެނުނު ވައިރަސްތަކުގެ އަދަދަކީ ހައިރާންވާވަރުގެ އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މި ދިރާސާއިން ފެނިފައިވަނީ ވަރަށް މަދުން އެނގިފައިވާ އަދި މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވައިރަސްތަކެކެވެ.

އެމެރިކާގެ ނޯތްވެސްޓަން ޔުނިވަރސިޓީގެ ދިރާސާވެރިން ކުރި، އަދި 'ފްރޮންޓިއަރސް އިން މައިކްރޯބައޯމްސް' ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި، ފެންވަރާ ޝަވަރުތަކާއި ދަތްއުނގުޅާ ބުރުހުގައި 'ހައިރާންވާވަރުގެ' ގިނަ އަދަދެއްގެ ބެކްޓީރިއާ އާއި ވައިރަސް ދިރިއުޅެއެވެ. މީގެ ތެރޭގައި މިހާތަނަށް ސައިންސްވެރިންނަށް ނޭނގޭ ބައެއް މައިކްރޯއޯގަނިޒަމްތައްވެސް ހިމެނޭ ކަމަށް ދިރާސާއިން ހާމަވެއެވެ.

އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ މައިކްރޯބަޔަލް ވައިރަހަކީ އިންސާނުންގެ ޞިއްޙަތަށް ކޮންމެ ހާލަތެއްގައި ނުރައްކާތެރި އެއްޗެއް ނޫންކަމެވެ. އަދި ބައެއް ހާލަތްތަކުގައި ކިތަންމެ ވަރަކަށް ސާފުކުރި ކަމުގައި ވިޔަސް ބެކްޓީރިއާ އަދި ފަންގަސް ފަދަ މައިކްރޯބްތައް އަނބުރާ އާދެއެވެ. އެހެންކަމުން، ގަވާއިދުން ދަތްއުނގުޅާ ބުރުސް ބަދަލުކުރުމަށާއި ފާޚާނާ ސާފުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ނަމަވެސް، ވަކި މިންވަރަކަށް މައިކްރޯބްތަކާ ކުރިމަތިލާންޖެހުމަކީ ނުވެ ނުދާނެ ކަމެކެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކުން ނެގުނު 92 ފެންވަރާ ޝަވަރާއި 34 ދަތްއުނގުޅާ ބުރުސް ބޭނުންކޮށް، އެޑްވާންސްޑް ޑީ.އެން.އޭ ޓެކްނިކްތައް ބޭނުންކޮށްގެން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ބެކްޓީރިއޯފާޖް ކިޔާ ވައިރަސްތަކެއްގެ އިތުރުން ތަފާތު ޒާތްޒާތުގެ ބެކްޓީރިއާ އާއި ވައިރަސް މިތަކެތީގައި އުޅެއެވެ. މި ދިރާސާއިން ދައްކާގޮތުގައި މި ވައިރަސްތަކަކީ ވަރަށް އަވަހަށް ގިނަވާ އަދި އަހަރެމެންގެ ޞިއްޙަތަށް އަސަރުކުރުމުގެ ފުރުޞަތު އޮތް ވައިރަސްތަކެކެވެ.

މި ދިރާސާ އިސްވެ ކުރިއަށް ގެންދެވި ނޯތްވެސްޓަން ޔުނިވަރސިޓީގެ ދިރާސާވެރިއެއް ކަމުގައިވާ އެރިކާ އެމް. ހާޓްމަން ވިދާޅުވަނީ، ދިރާސާއިން ފެނުނު ވައިރަސްތަކުގެ އަދަދަކީ ހައިރާންވާވަރުގެ އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މި ދިރާސާއިން ފެނިފައިވަނީ ވަރަށް މަދުން އެނގިފައިވާ އަދި މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވައިރަސްތަކެކެވެ.

"އަހަރެމެންގެ ވަށައިގެން ހުރި ދިރޭތަކެތީގެ ނަސްލުތަކުގެ ނުހަނު ގިނަކަމާއި، މި ވައިރަސްތަކަކީ އަހަރެމެންނާ މާދުރުގައި އުޅޭ ވައިރަސް ތަކެއް ނޫންކަން މި ދިރާސާއިން އެނގިއްޖެ،" އެރިކާ އެމް. ހާޓްމަން ވިދާޅުވިއެވެ.

ދިރާސާ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، ދަތްއުނގުޅާ ބުރުހުގައި ހުންނަ ބެކްޓީރިއާ އާއި ވައިރަސް ފެންވަރާ ޝަވަރުގައި ހުންނަ ބެކްޓީރިއާ އާއި ވައިރަހުގެ އަދަދަށް ވުރެ ގިނައެވެ. އެއީ ދަތްއުނގުޅާ ބުރުހުގައި ހުންނަ ބެކްޓީރިއާތަކަކީ އިންސާނުންގެ އަނގައިންނާއި ކާނާގެ ބައިތަކުން އަންނަ އެއްޗިހި ކަމަށްވެފައި، ފެންވަރާ ޝަވަރުތަކުގައި ހުންނަނީ ތިމާވެށިން އަންނަ ބެކްޓީރިއާތަކަކަށް ވާތީއެވެ.

މި ދިރާސާއަކީ ކުޑަ ސާމްޕަލްއަކަށް ބިނާކޮށް ކުރެވިފައިވާ ދިރާސާއެއް ނަމަވެސް، މީގެން ދައްކައިދެނީ ބައެއް ވައިރަސްތަކާއި ބެކްޓީރިއާތަކަކީ އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި ވެދާނެ އެއްޗެހިކަމެވެ.

ނަމަވެސް، މި ދިރާސާ އިސްވެ ކުރިއަށް ގެންދެވި ހާޓްމަންވަނީ މި ގެއްލުންދެނިވި މައިކްރޯބްތަކާމެދު މާ ބޮޑަށް ކަންބޮޑު ނުވުމަށާއި މިފަދަ މައިކްރޯބްތަކަކީ ކޮންމެ ތަނެއްގައިވެސް ހުންނަ އެއްޗެހި ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ މައިކްރޯބްތަކަކީ އިންސާނުންނަށް ބަލި ޖައްސާ އެއްޗެހި ނޫންކަމަށް ވިދާޅުވެފައެވެ. އަދި މައިކްރޯބްތައް މެރުމަށް ޑިސްއިންފެކްޓަންޓް ބޭނުންކުރުން އިތުރުކުރާވަރަކަށް، އެ މައިކްރޯބްތަކުގައި ރެސިސްޓަންސް އުފެދުމުގެ ފުރުޞަތު ބޮޑުވެ، ފަރުވާދިނުން އުނދަގޫވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް