ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 13:34
2024 އޮކްޓޫބަރު 10ވަނަ ދުވަހު ބަޣްދާދުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗިއާ (ވ) އާއި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން
2024 އޮކްޓޫބަރު 10ވަނަ ދުވަހު ބަޣްދާދުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗިއާ (ވ) އާއި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން
އޭއެފްޕީ
އިރާން-އިޒްރޭލް
އިޒްރޭލާ ހަނގުރާމަ ކުރަން އަބަދުވެސް ފުރިހަމައަށް ތައްޔާރު: އީރާނުގެ ޚާރިޖީ ވަޒީރު
އިޒްރޭލުގެ އަނިޔާވެރިކަން ވަގުތުން ހުއްޓުވުމުގެ މުހިއްމު ކަމަށާއި، ޣައްޒާ އަދި ލުބުނާނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ މުހިއްމު ކަމާމެދު އީރާނާއި އީރާޤުންވެސް އެއްބަސްވާކަމަށް އަރަޤްޗިއާ ވިދާޅުވިއެވެ.
ޚަބަރުގެ އޯޑިއޯ

ޣައްޒާ އަދި ލުބުނާނުގައި ސުލްޙަ ޤާއިމްކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އިޒްރޭލާ ހަނގުރާމަ ކުރުމަށް އަބަދުވެސް ފުރިހަމައަށް ތައްޔާރުކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީއާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އީރާޤުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން ވެސް ބައިވެރިވެވަޑައިންނެވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަޤްޗީއާ ވިދާޅުވީ އީރާނުން ތިބީ އިޒްރޭލާއެކު ހަނގުރާމައެއް ކުރަންޖެހިއްޖެނަމަ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ހަނގުރާމައަކަށް ބިރެއް ނުގަންނަކަމަށާއި، އެކަމަކު ސަރަހައްދުގައި ހަނގުރާމައެއް ފަށާކަށް ބޭނުންނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، އީރާނުން އަބަދުވެސް މަސައްކަތް ކުރާނީ ޣައްޒާ އަދި ލުބުނާނުގައި އިންސާފުވެރި ސުލްހައެއް ޤާއިމްކުރުމަށް ކަމަށެވެ.

"އީރާނުން ބޭނުމެއް ނުވޭ ހަމަނުޖެހުން އިތުރުކުރާކަށް. އަދި މަސްލަހަތު ނަގާލާ ހަނގުރާމަކުރާކަށްވެސް، އެހެންނަމަވެސް، ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެފައި މި ތިބީ. އަހަރެމެން ހަނގުރާމައަކަށް ތައްޔާރުވެފައި މިތިބި ފަދައިން ސުލްހައަކަށްވެސް ތައްޔާރުވެފައި މި ތިބީ. މިއީ އީރާނުގެ ނިންމުން،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އޭނާ ވިދާޅުވީ، އިޒްރޭލުގެ އަނިޔާވެރިކަން ވަގުތުން ހުއްޓުވުމުގެ މުހިއްމު ކަމަށާއި، ޣައްޒާ އަދި ލުބުނާނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ މުހިއްމު ކަމާމެދު އީރާނާއި އީރާޤުންވެސް އެއްބަސްވާކަމަށެވެ.

މެދުއިރުމައްޗަށް ދިމާވެފައިވާ 'ނުރައްކާތެރި ގޮންޖެހުންތަކާއި' އަދި 'ނުރައްކާތެރި ހާލަތާ' ގުޅިގެން، ސަރަޙައްދުގެ ޤައުމުތަކުގެ އިސްވެރިންނާ، ޚާއްޞަކޮށް އިރާޤުގެ އިސްވެރިންނާ ގާތުން މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވަމުން އަރަޤްޗީ އިތުރަށް ވިދާޅުވީ، އޭނާ މިހާރު އިރާޤަށް ކުރައްވާ މި ދަތުރުފުޅުގެ މަޤްޞަދަކީ "މެދުއިރުމައްޗާއި ޕަރޝިއަން ގަލްފުގައި ހުރި ނުރައްކާތެރި އަދި ސަމާލުކަން ދޭންޖެހޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށާއި، މިކަމާ ގުޅޭގޮތުން ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާ،" ކަމަށެވެ.

މެދުއިރުމަތީގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ފާހަގަކުރައްވާ އަރަޤްޗިއާ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ އަސްލަކީ އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަން ކަމަށާއި، މިކަން ފުރަތަމަ ޣައްޒާގައި ފަށާ، މިހާރު ލުބުނާނަށް ފެތުރި އަދި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ފެތުރުމުގެ ފުރުޞަތު އޮތް،" ކަމަށެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށާއި، ޣައްޒާ އަދި ލެބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅުއްވަމުން އޭނާ ވިދާޅުވީ، ފަލަސްތީނު އަދި ލުބުނާނު ރައްޔިތުންގެ ހާލަތަށް ބައިނަލްއަޤްވާމީ ގޮތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބޭތީ ހިތާމަކުރާ ކަމަށާއި، އިޒްރޭލުން ވަނީ ފަލަސްތީނު އަދި ލުބުނާނުގައި ދިރިއުޅޭ ގެދޮރު ނެތް މީހުންނަށް އެހީތެރިވުމުގެ ހުރިހާ މަގެއް ވެސް ބަންދުކޮށްފައި ކަމަށެވެ.

އިޒްރޭލުން ފަލަސްތީނު އަދި ލުބުނާނުގައި ހިންގާ ގަތުލުއާންމާ ގުޅޭގޮތުން އިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން ވިދާޅުވީ، "ދާދިފަހުން އީރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން ހަނގުރާމައެއް ފަށާނެ ކަމަށް އިޒްރޭލުން ދިން އިންޒާރާ ދެކޮޅު ހަދާ،" ކަމަށެވެ.

ހަނގުރާމަ ކުރުމާއި، އެ ހަނގުރާމަ އީރާނަށް ފުޅާވެގެން ދިއުމާއި، އަދި (އިޒްރޭލުން) އިރާޤުގެ ވައިގެ ސަރަޙައްދު ހަނގުރާމައަށް ބޭނުންކުރުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން. އަދި އެކަމާ ދެކޮޅު ހަދަން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލުބުނާނުގައި އިޒްރޭލުން ކުރާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވާނެ ކަމަށާއި، ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އިރާޤުގެ ސަރުކާރާއި ޚާރިޖީ ވުޒާރާއިން އިޒްރޭލަށް އިންޒާރު ދީފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް