ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 14:41
1990 ގައި، ގަލްފް ހަނގުރާމައިގެ ދުވަސްވަރު ސައުދީ ސިފައިން ކުވެއިތާ އެކު ހެދި އަސްކަރީ ތަމްރީނެއްގެ ތެރެއިން
1990 ގައި، ގަލްފް ހަނގުރާމައިގެ ދުވަސްވަރު ސައުދީ ސިފައިން ކުވެއިތާ އެކު ހެދި އަސްކަރީ ތަމްރީނެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ސައުދީ އަސްކަރިއްޔާ
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
މި ހަފްތާގެ ކުރީކޮޅު ފޯނުން ކުރެވުނު މަޝްވަރާ އެއްގައި، ޕެންޓަގަނުގެ އިސްވެރިޔާ ލޮއިޑް އޮސްޓިން ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާނަށް އެ ޤައުމުގެ ދިފާއަށް އެމެރިކާއިން ދޭ އެއްބާރުލުން ވަނީ ތަކުރާރު ކުރައްވާފައި

އެމެރިކާއިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށާއި ސައުދީ އަރަބިއްޔާއަށް ޖުމްލަ 2.25 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި ކަމަށް ހުކުރު ދުވަހު ޕެންޓަގަނުން އިއުލާނުކޮށްފިއެވެ.

ވަކިވަކި ބަޔާންތަކެއްގައި، ޕެންޓަގަނުން ބުނެފައިވަނީ ސްޓޭޓް ޑިޕާޓްމަންޓުން 220 އޭއައިއެމް-9އެކްސް ބްލޮކް ސައިޑްވައިންޑަރ ޓެކްޓިކަލް މިސައިލްތަކާއި އެހެނިހެން ގުޅުންހުރި އަސްކަރީ އާލާތްތައް ވިއްކުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. މި ތަކެތީގެ އަގަކީ އަންދާޒާކުރެވޭ ގޮތުގައި 251.8 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން 2،503-އޭޖީއެމް-114އާރު3 ހެލްފަޔަރ މިސައިލްތަކާއި އެހެނިހެން ލޮޖިސްޓިކަލް އެހީތެރިކަން ވިއްކުމުގެ ހުއްދަ ވެސް އެމެރިކާއިން ވަނީ ދީފައެވެ. މި ތަކެތީގެ އަގަކީ އަންދާޒާކުރެވޭ ގޮތުގައި 655 މިލިއަން ޑޮލަރެވެ.

"މި ވިޔަފާރިން ސައުދީ އަރަބިއްޔާ އަށް މިހާރުގެ އަދި ކުރިމަގުގެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، އެމެރިކާ ސިފައިންނާއި އެހެން ގަލްފު ޤައުމުތަކުން ބޭނުންކުރާ ނިޒާމުތަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުވާނެއެވެ. ސައުދީ އަރަބިއްޔާއިން އެ ޤައުމުގެ ދިފާއީ ޤާބިލުކަމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ އެ ޤައުމުގެ ސަރަހައްދުތަކާއި، ހަކަތައިގެ ވަސީލަތްތަކާއި، އަދި، އަދި ރައްޔިތުން ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަމެކެވެ،" ޕެންޓަގަނުން ބުނެފައިވެއެވެ.

މިހާރު މި ދިން ހުއްދައިގެ ދަށުން 139 މިލިއަން ޑޮލަރަށް 10،000 އެމް456 ސީރީޒްގެ، 105އެމްއެމް، ހައި އެކްސްޕްލޯސިވް އެންޓި-ޓޭންކް ޓްރޭސަރ ކާޓްރިޖްތަކާއި އެކި ބާވަތްތަކުގެ ޓޭންކް، ހަވިއްޒަރ، އަދި މެޝިން ބަޑީގެ ވަޒަން ގަތުމުގެ ފުރުސަތު ސައުދީ އަށް ތަނަވަސްވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަފްތާގެ ކުރީކޮޅު ފޯނުން ކުރެވުނު މަޝްވަރާ އެއްގައި، ޕެންޓަގަނުގެ އިސްވެރިޔާ ލޮއިޑް އޮސްޓިން ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާނަށް އެ ޤައުމުގެ ދިފާއަށް އެމެރިކާއިން ދޭ އެއްބާރުލުން ތަކުަރާރު ކުރައްވާ ކަށަވަރުކޮށްދީ، މެދުއިރުމަތީގައި ހަމަޖެހުން ގެނައުމަށް ރިޔާޟުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

ޕެންޓަގަނުން އިއުލާނުކޮށްފައިވާ އެހެން ބަޔާނެއްގައި،1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގެ ދަށުން، 259 ގައިޑެޑް މަލްޓިޕަލް ލޯންޗް ރޮކެޓް ސިސްޓަމް (ޖީއެމްއެލްއާރްއެސް) އެމް31އޭ1 ޔުނިޓަރީ ޕޮޑްސް ވިއްކުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންމެ ޕޮޑެއްގައި 6 މިސައިލް ހިމެނޭ ގޮތަށް 1،554 މިސައިލްއެވެ. މީގެ އިތުރުން 203 އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީއޭސީއެމްއެސް) އެމް57 ޔުނިޓަރީ މިސައިލްސް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް