ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 13:21
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން (ވ) އަދި ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން، އަޝްގަބާތުގައި ބޭއްވުނު ސަރަޙައްދީ ފޯރަމުގައި ސަލާމްކުރައްވަނީ
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން (ވ) އަދި ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން، އަޝްގަބާތުގައި ބޭއްވުނު ސަރަޙައްދީ ފޯރަމުގައި ސަލާމްކުރައްވަނީ
ޕްރެސް ޓީވީ
އީރާން-ރަޝިއާ ގުޅުން
އީރާން-ރަޝިއާ ގެ ރައީސުން ބައްދަލު ކުރައްވާ، ގުޅުން ބަދަހި ކުރައްވައިފި
ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޕުޓިން ވިދާޅުވީ، ޤައުމުތަކުން ބޭނުންވަނީ ހުޅަނގާ ދެކޮޅަށް "ދުނިޔޭގައި އައު ނިޒާމެއް" އުފެއްދުމަށް ކަމަށް

ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެ ދެ ޤައުމުގެ މެދުގައިވާ އިސްތިރާޖީ ގުޅުން ފާހަގަކުރައްވައިފިއެވެ.

ހުކުރު ދުވަހު ތުރްކްމެނިސްތާނުގެ ވެރިރަށް އަޝްގަބާތުގައި އޮތް ފޯރަމެއްގައި ދެ ޤައުމުގެ ރައީސުން ބައްދަލަކުރައްވާ ކުރެއްވި މަޝްވަރާތަކުގައި ޕުޓިން ވިދާޅުވެފައިވަނީ "އީރާނާއެކު އޮންނަ ގުޅުމަކީ އަބަދުވެސް ރަޝިއާ އިން އިސްކަންދޭ ގުޅުމެއްކަމަށާއި، މި ގުޅުން ކާމިޔާބުކަމާއެކު ކުރިއަރަމުންދާ،" ކަމަށެވެ.

ބައިނަލްއަޤްވާމީ ހަރަކާތްތަކުގައި މޮސްކޯއާއި ތެހެރާން އާ ދެމެދު އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށާއި، އެކަންކަމުގައި އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށް ފާހަގަކުރައްވަމުން ޕުޓިން ވިދާޅުވީ "ގިނަފަހަރަށް ދުނިޔޭގެ ކަންކަމާމެދު ވެސް ދެޤައުމުން ދެކޭގޮތް އެއްގޮތް،" ކަމަށެވެ.

ބައްދަލުވުމުގައި މަޝްވަރާކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނާއި ރަޝިއާއާ ދެމެދު އޮތް ގުޅުމަކީ "އިޚްލާޞްތެރި އަދި ސްޓްރެޓީޖިކް" ގުޅުމެއް ކަމަށެވެ. "އިޤްތިޞާދީ އަދި ޘަޤާފީ ނަޒަރަކުން ބަލާއިރު، ދެޤައުމުގެ މެދުގައިވާ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނާއި ރަޝިއާގެ ގުޅުން ދެޤައުމުގެ އިސްވެރިންގެ އެއްބާރުލުމާއެކު މިހާރަށްވުރެ ވެސް ވަރުގަދަ ކުރަންޖެހޭ ކަމަށް ފާހަގަކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ އެ ދެޤައުމުގައިވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެވޭނެ ވަރުގެ ފުރިހަމަ ޤާބިލުކަން ހުންނަކަމަށެވެ.

"ބައިނަލްއަޤްވާމީ ކަންކަމުގައި އެހެން ޤައުމުތަކަށްވުރެ ދެ ގައުމުގެ ގާތްކަން މާ ބޮޑު،" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އީރާނާއި ރަޝިޔާގެ މެދުގައި ވެވޭ ފުޅާ ދާއިރާއެއްގެ އިސްތިރާޖީ ބައިވެރިކަމުގެ އެއްބަސްވުމަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ "މި އެއްބަސްވުމުގައި ސޮއިކުރުން އަވަސްކުރުމުގެ އުންމީދު ބޮޑު،" ކަމަށެވެ.

"އުންމީދަކީ މި މަހު އޮންނަ ބްރިކްސް ސަމިޓުގައި މި އެއްބަސްވުން ނިންމާލެވޭނެ ކަމަށް،" ޕެޒެޝްކިއާން އިތުރަށް ވިދާޅުވިއެވެ.

މީގެއިތުރުން، ފަލަސްޠީނު އަދި ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަނގުރާމައަށް އަލިއަޅުއްވާލައްވާ އޭނާ ވިދާޅުވީ "އިޒްރޭލުގެ ސަހްޔޫނީ ވެރިކަމުން ބައިނަލްއަޤްވާމީ ޤާނޫނަކަށް ވެސް އަދި އިންސާނިއްޔަތުގެ އެއްވެސް އުސޫލަކަށް އިޙްތިރާމް ނުކުރާކަމަށާއި، އަދި މެދުއިރުމަތީގެ ޙާލަތު ވަނީ ނުރައްކާތެރި ހިސާބެއްގައި،" ކަމަށެވެ.

ހަމައެއާއެކު، ޔޫރަޕު އަދި އެމެރިކާގެ ޤައުމުތަކުން ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ގުޅުންތައް ސުލްޙަވެރި ގޮތެއްގައި ކުރިއަށް ދިއުމަށް ބޭނުންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަޝްގަބާތުގައި ބޭއްވުނު މި ފޯރަމުގައި ސަރަޙައްދުގެ އެހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި އޭޝިއާގެ އެހެން ޤައުމުތަކުގެ އިސްވެރިންގެ އިތުރުން ކަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުގެ އިސްވެރިން ހިމެނެއެވެ.

ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޕުޓިން ވިދާޅުވީ، މި ޤައުމުތަކުން ބޭނުންވަނީ ހުޅަނގާ ދެކޮޅަށް "ދުނިޔޭގައި އައު ނިޒާމެއް" އުފެއްދުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް