ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 01:09
އީރާނުގެ ޤުދްސް ފޯސްގެ ކޮމާންޑަރު އިސްމާޢީލް ޣަނީ
އީރާނުގެ ޤުދްސް ފޯސްގެ ކޮމާންޑަރު އިސްމާޢީލް ޣަނީ
ތަސްނީމް ނިއުސް އޭޖެންސީ
އީރާން-އިޒްރޭލް ހަނގުރާމަ
އީރާނުގެ ޤުދުސް ފޯސްގެ ވެރިޔާ ޖެނެރަލް ޣަނީ އަކީ އިޒްރޭލުގެ ޖާސޫސެއް ކަމުގެ ތުހުމަތު!
ރިޕޯޓުތައް ބުނާ ގޮތުގައި ޣަނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ އާ ސުވާލު ކުރެވެމުންދަނީ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ
ޚަބަރުގެ އޯޑިއޯ

އީރާނުގެ ޤުދުސް ފޯސްގެ ކޮމާންޑަރ, ޖެނެރަލް އިސްމާއީލް ޣަނީ އަކީ އިޒްރޭލުގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވި އޭނާ ހައްޔަރުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮމާންޑަރ ޣަނީ އަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން މިހާރު ގެންދަނީ ތަހުގީގު ހިންގަމުންނެވެ.

އޭނާއާމެދު ތަޙުޤީޤު ކުރެވެމުންދަނީ ބެއިރޫތުގައި ހިޒްބުﷲ ގެ އިސްވެރިޔާ ޙަސަން ނަސްރުﷲ އާއި އެހެން އިރާނުގެ ކޮމާންޑަރުންތަކެއް އިޒްރޭލުން ހަމަލާދީ މަރާލި މައްސަލައިގައި އޭނާގެ އަތެއް އޮތްތޯ ބެލުމަށެވެ.

ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓުކުރާ ގޮތުގައި ނަސްރުﷲ މަރާލުމަށް އިޒްރޭލުން ހަމަލާ ދިންތާ ތާ ދެ ދުވަސް ފަހުން ޣަނީ ވަނީ ބެއިރޫތަށް ދަތުރެއް ކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ ޢާންމުކޮށް ފެނިފައެއް ނުވެއެވެ.

ސަޢޫދީ ސަރުކާރުން ސްޕޮންސަރ ކޮށްގެން ހިންގާ ނިއުސް ސައިޓް އަލް-ޢަރަބިއްޔާއިން ބުނެފައިވަނީ ޣަނީ ވަނީ "އެކަހެރިކުރެވިފައި" ކަމަށެވެ.

ޤަޠަރުން ފަންޑުކުރާ އިނގިރޭސިވިލާތުގައި ހިންގާ މިޑްލް އީސްޓް އައި އަށް ހިޒްބުﷲ އާ ގާތް މަސްދަރަކުން ބުނެފައިވަނީ "މި ޚިޔާނާތާ އީރާނާ ގުޅުން ވާކަން 100 އިން ސައްތަ ކަށަވަރު، އަދި އޭނާ (ޣަނީ) ގެ ބައިވެރިވުމާމެދު އެއްވެސް ސުވާލެއް ނެތް" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޣަނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ އާ ސުވާލު ކުރެވެމުންދަނީ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ސްކައި ނިއުސް ޢަރަބިކް އިން ވެސް މި ތަހުގީގު ހިނގަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ޣަނީ އާ ސުވާލުކުރަމުންދަނިކޮށް އޭނާ އަށް ހާޓް އެޓޭކެއް ޖެހުނު ކަމަށާއި އެއާއެކު ކުއްލި ގޮތަކަށް ތެހެރާނުގެ ހޮސްޕިޓަލަކަށް ގެންދެވުނު ކަމަށެވެ. އޭނާގެ ނައިބު އިހްސާން ޝަފީޤީ ވެސް ވަނީ ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި، އޭނާވެސް ހުރީ އީރާނު ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޣަނީ އާ މެދު ޝައްކު އުފެދުނީ ނަސްރުﷲ މަރާލަން އިޒްރޭލުން ހަމަލާ ދިން އިރު ނަސްރުﷲ އިން ބައްދަލުވުމުގައި ޣަނީވެސް ބައިވެރިވާ ގޮތައް ކުރިން ހަމަ ޖެހިފައި އޮތް ނަމަވެސް، އެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ.

އެހެން ނަމަވެސް، އީރާނުން މި ވާހަކަތައް ދޮގުކުރެއެވެ. އިންގިލާބީ ސިފައިންގެ އެންމެ އިސް ވެރިޔާ ހުސައިން ސަލާމީގެ މުޝީރަކު މި ރިޕޯޓުތައް ދޮގުކޮށް ބުނެފައިވަނީ ޣަނީ ހުރީ "ވަރަށް ރަނގަޅު ސިއްޙަތެއްގައި" ކަމަށާއި އަދި ދާދި އަވަހަށް ޚާމަނާއީ އޭނާއަށް ޝަރަފުގެ މެޑަލް އެއް ދެއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ދާދި ފަހުން ތެހެރާންގައި އޮތް ފަލަސްތީނާ ބެހޭ ކޮންފަރެންސެއްގައި ޣަނީ ބައިވެރިވާ ގޮތައް ހަމަ ޖެހިފައި އޮތް ނަމަވެސް އެ ބައްދަލުވުމުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ކޮންފަރެންސަށް ޣަނީ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ބައްދަލުވުމުގައި ބައިވެރި ނުވެވުނީ މުހިންމު އެހެން ބައްދަލުވުމަކާ ފުށު އެރުމުން ކަމުގައެވެ.

- ކޮމެންޓް