ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 15:42
ހައުސިން މިނިސްޓަރު ޑރ މުއިއްޒު
ހައުސިން މިނިސްޓަރު ޑރ މުއިއްޒު
މިހާރު
ބިން ވިއްކުން
މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރަން: މުއިއްޒު
ބިން ވިއްކަނީ ގާނޫނީ އިމުގެ ތެރެއިން
ދަންޑަހެލުގޭ ބިން ދެ ޕްލޮޓަކަށް ބަހާލައިގެން
ދެ ނަމްބަރު ކުނި ކޮށި ހުރި ބިން ތިން ޕްލޮޓަކަށް ބަހާލައިގެން

މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމުގެ ބޭނުމުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެއެވެ.

މާލެއިން ބިން ވިއްކުމަށް ހައުސިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒްވެފައި ވަނިކޮށް މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލެއިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިނިވި ކަންކަމަށް ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ހައުސިންގ މިނިސްޓްރީއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާ ބެހޭ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ގާނޫނުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނސްޓްރީތަކާ ހަވާލު ކުރެވޭ ބިން، އެމިނިސްޓްރީއަކުން ދޫކުރަން ވާނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ  ގޮތުގެމަތިން، އެމިނިސްޓްރީ އާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ހައްގު ލިބިދެވޭނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން ވިއްކާލަން ނިންމާފައި ވަނީ ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި ބިމާއި، އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިމުގެ އިތުރުން، ދަންޑަހެލުގޭ ބިމެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ފްރީ ހޯލްޑް  އުސޫލުންނެވެ.

އެ ބިންތަކުގެ ތެރެއިން ދެ ޕްލޮޓަކަށް ހަދައިގެން ވިއްކުމަށް ނިންމާފައިވާ ދަންޑަހެލުގެއަކީ މާފަންނުއާގެ އިން ދާދި ފަހުން ސަރުކާރަށް ނެގި ބޮޑު ބިމެވެ. މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ އެގޭ ފާތިމަތު ފަރީދާގެ ބިމެއް ނަމަވެސް ގޯތީގެ 22،000 އަކަފޫޓުގެ ތެރެއިން 12،000 އަކަފޫޓު ގެ ބިން ވަނީ ބަދަލު ދިނުމަށް ފަހު ނަގާފަ އެވެ. އެ ބައި 1990 ވަނަ އަހަރު ދައުލަތަށް ނެގީ އޭރުގެ ރިއާސީ ގަނޑުވަރު ކަމަށްވާ ތީމުގެ ހުންނަނީ މާފަންނުއާގޭ ކުރިމަތީގައި ކަމަށް ވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

އޯކިޑް މަގާއި ފަރީދީމަގަށް ވާ ގޮތަށް ތީމުގޭ ކުރިމަތިން އޮންނަ އެ ބިމުގައި ބޮޑެތި އިމާރާތްތަކެއް ނެތް ނަމަވެސް ތީމުގެ ކުރިމަތިން އޮންނަ ބިމުގައި އަމިއްލަ ބައެއްގެ ގުދަނެއް ހަދާފައިވެ އެވެ. ދާދި ފަހުން ހައުސިންގ މިނިސްޓްރީ އިން ވަނީ ސަރުކާރަށް ނެގި ބައިގައި އިންފާރު ރާނައި، އެތަނުގައި ހުރި އިމާރާތް ތަޅާލާފަ އެވެ.

ކުރީގެ ދެ ނަމްބަރު ކުނިކޮށި ވިއްކާލުމަށް ނިންމާފައި ވަނީ ތިން ޕްލޮޓަކަށް ބަހާލައިގެންނެވެ.

އެސްޓީއޯއިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން ވިއްކާލުމަށް ނިންމާފައި ވަނީ ހަތަރު ޕްލޮޓަކަށް ބަހާލައިގެންނެވެ. ކުރިން އެސްޓީއޯ އިން ގުދަނަކަށް ބޭނުން ކުރި، ވިލާ ކޮލެޖާ އިންވެގެން ހުޅަނގަށް އަދި އަތޮޅު ވެހީގެ އިރުން ބޮޑުތަކުރުފާނު މަގުގައި އޮންނަ އެ ބިން ހުސްކޮށް ޝަރުއީ ދާއިރާގެ ބޭނުމަށް އެބިމުގައި 14 ބުރީގެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް ކުރިން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 2014 ވަނަ އަހަރު ބުނެފައިވެއެވެ.

މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ  ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާައިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް