ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 14:39
ރައީސް ޔާމީން --
ރައީސް ޔާމީން --
ރާއްޖެއެމްވީ
ސަރުކާރުގެ ކޮރަޕްޝަން
ރައީސް ޔާމީންގެ ވާހަކަފުޅުގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށާއި އޭސީސީއަށް ހުށަހަޅައިފި
އެމައްސަލަ ހުށަހެޅީ އެމްޑީޕީން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަސައްލައިގައި ރައީސް ޔާމީން ތަކުރާރުކޮށް އިއުތިރާފު ވެވަޑައިގަންނަވާފައިވާ ކަމަށް އެމްޑީޕީން ބުނޭ
މީގެކުރިން ވެސް ސަރުކާރާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާފައިވޭ

ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގެ  މައްސަލަ ބަލާ ދިނުމަށް ފުލުހުންގެ  މުއައްސަސާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެމްޑީޕީގެ ފަރާތުން ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅޭ މައްސަލަތައް ބެލުމަށް އެ ދެ މުއައްސަސާއަށް އެމްޑީޕީން ހުށަހަޅާފައި ވަނީ ބުދަ ދުވަހު އެވެ.

އެމްޑީޕީގެ ލީގަލް އެފެޔާޒް ޑިރެކްޓަރ ހިސާން ހުސައިން ވިދާޅުވެފައި ވަނީ، ތަކުރާރުކޮށް ރައީސް ޔާމީން ކޮރަޕްޝަނުގެ ފައިސާގައި ހިއްޕްވައިފައިވާ ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. މީގެ ކުރިންވެސް ކޮރަޕްޝަނުގެ މައްސަލަތައް ބަލައިދިނުމަށް އެދި މުއައްސަސާތަކުގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިން ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެއްސަށް ވައްދާފައިވަނީ ހަލާލު ފައިސާ ނޫން ކަމަށެވެ.

"އިދިކޮޅު ލީޑަރު އެބަ ތުހުމަތު ކުރޭ އޭގެ ތެރެއިން ބައެއް އަޅުގަނޑަށް ލިބުނުކަމަށް. އަލްޖަޒީރާއަށް އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން ފެނުނީ، މި ނޫން އެހެންއެއްވެސް އެއްޗެއް އަލްޖަޒީރާއަކަށް ނުފެނުނު. އެހެންވީމާ އެބަޖެހޭ ނޫންތޯ އެފައިސާ ހޯދަން. އެހެންވީމާ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައިވެސް އަޅުގަނޑު ބޭނުންވޭ، މިފައިސާ އެބަ ވަންނަންޖެހޭ. އަދި މިފައިސާއިން ހޭދަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެމްބަރުންނެއް އިންތިހާބު ކުރަންތޯ، އެވެސް އެބަޖެހޭ ބަލާލަން. އޭރުން ފައިސާ ވަދެފައި ހުންނާނީ ހަމައެކަނި ފޮށި ފޮށި ގަނޑުގަ ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު އަޅުގަނޑުމެން ކޮންމެހެން ހޮވަން ބޭނުންވި ބޭފުޅުންނަށް ވެސް ހަމަ ޚަރަދުކޮށްފައި އޮންނާނީ އަހުމަދު އަދީބު. އެހެންވީމާ އަޅުގަނޑުމެން ގެއަށް ވަތް ފައިސާ ޝައްކެއް ވެސް ނެތްގޮތުގައި ހަލާލެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވުމާއެކު އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި ގުޅިގެން ރައީސް ޔާމީން އެވަނީ އަމިއްލަފުޅު އިއުތިރާފުން އިއުތިރާފުވެވަޑައިގަންނަވާފަ ކަމަށާއި ރާއްޖެއަކީ އަދުލްއިންސާފު ހިނގަމުންދާ ނިޒާމެއް އޮތް ގައުމެއްނަމަ މިހާރު ރައީސް ޔާމީން މަގާމުން އަޒުލް ކުރަންޖެހޭ ކަމަށެވެ.

ޖަމީލުގެ އިތުރުން ވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންެގެ އިތުރުން މަޝްހޫރު ގިނަ ގާނޫނީ ވަކީލުންވެސް ގެންދަވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމައްސަލަތައް ވީހާވެސް އަވަހަކަށް ބަލަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް