ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 14:50
ޑޮޕްލަރ ވެދަރ ރާޑަރު
ޑޮޕްލަރ ވެދަރ ރާޑަރު
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ޑޮޕްލަރ ވެދަރ ރާޑަރު ބޭނުންކުރުން
ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި
ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ
ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިން ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ހޯދޭނެ
ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތަށްވާނެ

މޫސުމާބެހޭ ގައުމީ އިދާރާއިން ބޭނުންކުރާ ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުން ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަ ދުވަސްތަކަކަށްފަހު މަރާމާތުކޮށް އާދިއްތަ ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުން ކުރެވޭ ފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ރާޑަރެއްކަން ފާހަގަކޮށް އެއިދާރާއިން ބުނީ މިރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށެވެ. މިރާޑުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިން ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލާލެވި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު (ނައުކާސްޓިންގ) ދެނެގަނެވޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެއެވެ.

މީގެ އިތުރުން އެއިދާރާއިން ބުނީ، މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަށް ވާނެ ކަމަށެވެ.

މިރާޑަރ ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭ ގޮތަކަށް މަރާމާތުކުރުމާއި، ރާޑަރ ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކެނުގައި ވެސް ރާޑަރ ބަހައްޓާ މޫސުން ބެލުމާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާކަން އެއިދާރާއިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމާއި، އެ ރާޑަރު ބޭނުންނުކުރާތާ ކިހައި ދުވަހެއްވިކަން މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް