ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 06:24
އޮކްޓޯބަރ 6، 2024 ވަނަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު
އޮކްޓޯބަރ 6، 2024 ވަނަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
ބެއިރޫތައް ބާރުގަދަ ބޮމުގެ ހަމަލާތަކެއް އިޒްރޭލުން ދީފި
ލުބުނާނުގެ ޞިއްޙަތާ ބެހޭ މިނިސްޓްރީގެ މަޢުލޫމާތުން، މިހާތަނަށް ލުބުނާނަށް އިޒްރޭލުން މިހާތަނަށް ދިން ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމަށް ބުނެފައިވޭ

ހޮނހިރުދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫތައް ބާރުގަދަ ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ލުބުނާނުގެ ރަސްމީ މީޑިއާއިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށް 5 ހަމަލާއެއް ދީފައިވެއެވެ. މީގެ ތެރެއިން 4 ހަމަލާއަކީ "ވަރަށް ގަދަފަދަ" ހަމަލާތަކެއް ކަމަށް ބުނެފައިވެއެވެ.

ހަމަލާގެ ގަދަފަދަ ކަމާއެކު، ބާރުގަދަ ގޮވުންތަކެއްގެ އަޑު މުޅި ވެރިރަށަށް ފެތުރި, އުދަރެހަށް ރޯވި އަލިފާންގަނޑުގެ އަލި ފެތުރިގެން ދިޔަތަން މަންޒަރުތަކުން ފެނުނުކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.  

"ޢަދުއްވުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބެއިރޫތުގެ ދެކުނު ފަރާތު ސަރަޙައްދުތަކަށް ވަރަށް ގަދަފަދަ 4 ހަމަލާއެއް ދީ، އަދި ޝުވައިފާތު ސަރަޙައްދަށް އެއް ހަމަލާ ދީފައިވެއެވެ. އެމްބިއުލާންސްތައް އެ ސަރަޙައްދުތަކަށް އަވަސް އަވަހަށް ދަނީ ދަތުރުކުރަމުންނެވެ،" ލުބުނާނުގެ ނެޝަނަލް ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ލުބުނާނުގެ އަލް-މަޔާދީން ޓެލެވިޜަން ނެޓްވޯކުން ދާހިޔާގައި ހަމަލާ ދެވުނު ސީދާ ތަންތަނަކީ ޓޯޓަލް ކުންފުނީގެ ތެޔޮ ސްޓޭޝަނަކަށާއި އެއާޕޯޓު މަގު ކައިރީގައި ހުރި މެޑިކަލް އާލާތްތަކާއި ސާމާނު ރައްކާކުރާ ގުދަންތައް ކަމަށް ބުނެފައިވެއެވެ. 

މި ގުދަނުގައި "ވަރަށް ގިނަ އަދަދެއްގެ އޮކްސިޖަން ސިލިންޑަރުތައް ހުރިކަމަށް," ރިޕޯޓުގައި ބުނެފައިވެއެވެ. "މިކަމުގެ ސަބަބުން އަލިފާން ރޯވެ، އޮކްސިޖަންގެ ސަބަބުން އަލިފާން އިތުރަށް ގަދަވެ، ބޮޑެތި ގޮވުންތަކެއް ވެސް އިވުނެވެ." އަލް-މަޔާދީން އިން ރިޕޯޓްކޮށްފައިވެއެވެ.

އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދެވުނު ސަރަޙައްދުތަކުން ބޯ ދުން އަރަމުންދެއެވެ. އެއް ހަމަލާއަކުން އުފެދުނު މާ ސިންގާ އަލިފާން ބޯޅައެއް ޖައްވުގެ ތެރެއަށް އަރައިގެން ދެއެވެ. 

އެންއެންއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި "އަދުއްވު އިޒްރޭލުން ދެކުނުގެ ސަރަޙައްދުތަކަށް ނުރައްކާތެރި ހަމަލާ ދިނުމާއެކުވެސް ބެއިރޫތުގައި އޮންނަ ލުބުނާނުގެ ހަމައެކަނި ވައިގެ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދެއެވެ."

ލުބުނާނުގެ ޞިއްޙަތާ ބެހޭ މިނިސްޓްރީގެ މަޢުލޫމާތުން، މިހާތަނަށް ލުބުނާނަށް އިޒްރޭލުން މިހާތަނަށް ދިން ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް