ރާއްޖޭގެ އުތުރުން އޮންނަ މަލިކަކީ ވެސް އަދި ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވައްސަކީވެސް ރާއްޖޭގެ ތަންތަން ކަމަށް ދޭހަވާގޮތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މި ވީޑިއޯގައި ރައީސް މުއިއްޒުގެ ޕާޓީ - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަންގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވެފައިވަނީ ދިވެހި ރާއްޖެ ފެށިގެން އަންނާނީ އެއްކޮޅުން މަލިކުން ކަމަށާއި އަނެއްކޮޅުން ރާއްޖެ ފެށިގެން އަންނާނީ ފޯޅަވަހިން ކަމުގައެވެ.
2023 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އޭރުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި "ބާނާ ބާނާ ތި ވިއްކާލީ ކަނޑު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެކަމުގައި އޭނާ މި ދައްކަވަނީ ދުނިޔޭގެ ބަޔަކަށް ދެއްކޭނެ އެންމެ ވަރުގަދަ ހެކި ކަމުގައެވެ.
"ފޯޅަވައްސަކީ އުފެދުމުގައިވެސް ގުދުރަތީ ގޮތުން ދިވެހިންގެ ތަނެއް، އެކަމަށް އަޅުގަނޑުމެން މިދައްކަނީ ދުނިޔޭގެ މިފަދަ ކަމަކަށް ބަޔަކަށް ދެއްކޭނެ އެންމެ ވަރުގަދަ ހެކި، އެންމެ ވަރުގަދަ ދަލީލު،" އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
"ތި ބޭފުޅުން މިހާރުވެސް ފޯނުން ގޫގަލް އަށް ވަދެ ގޫގުލް އާތުން ފޯޅަވަހި ބައްލަވާލައްވާ، ފޯޅަވަހި އޮންނާނީ ދިވެހިރާއްޖޭގެ ރައްތައް ގުދުރަތީ ގޮތުން އުފެދިފައި މިއޮތް އަށި މަތީގައި."
އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި "ދިވެހި ރާއްޖެ ފެށިގެން އަންނާނީ މަލިކުން އެއްކޮޅުން އަނެއްކޮޅުން ދިވެހިރާއްޖެ ފެށިގެން އަންނާނީ ފޯޅަވަހިން،" ކަމުގައެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް އެނގެނީ ދިވެހިރާއްޖޭގެ ގޯތީގެ ތެރޭގައި އޮތް ބައެއްކަން ފޯޅަވައްސަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެންވީމާ ފޯޅަވަހި ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، ފޯޅަވަހި ލިބުނީމާ އެއޮތީ ކަނޑު ލިބިފައި ކަމަށާއި، މިކަނޑަކީ ބައިކުރަންޖެހޭ ތަނެއް ނޫންކަމުގައެވެ.
"މި ކީއްކުރަން ބައިކުރާ ތަނެއްތޯ؟ މިއީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.