ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 10:48
އޮޕަރޭޝަން ހިރާސް ފާސްގެ ތެރެއިން
އޮޕަރޭޝަން ހިރާސް ފާސްގެ ތެރެއިން
އެމްއެންޑީއެފް
އޮޕަރޭޝަން ހިރާސް ފާސް
އޮޕަރޭޝަން ހިރާސް ފާސް: ނުރައްކާތެރި ކެމިކަލް ގުދަންކުރާ 30ށް ވުރެ ގިނަ ގުދަން ބަލާ ފާސްކޮށްފައިވޭ
ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މައުލޫމާތު އެއްކޮށްފައިވޭ
މިމަހުގެ 15 ނިޔަލަށް މި އޮޕަރޭޝަން ކުރިއަށް ގެންދާނެ

އޮޕަރޭޝަން ހިރާސް ފާސްގެ ތެރެއިން ނުރައްކާތެރި ކެމިކަލް ގުދަންކުރާ 30ށް ވުރެ ގިނަ ގުދަން ބަލާ ފާސްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

01 އޮކްޓޫބަރުން ފެށިގެން 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އޮޕަރެޝަން ހިރާސް ފާސްގެ ތެރެއިން ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރީ ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ ބެލުމާއި، މި ގަވައިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެއެވެ.

މި އޮޕަރޭޝަންއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މިމަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާ ކަމަށާއި، ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މައުލޫމާތު އެއްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވެއެވެ.

ނުރައްކާތެރި ކެމިކަލް ގުދަންކުރާ ތަންތަން ބަލާފާސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިން މިފަދަ ގުދަން ތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.

- ކޮމެންޓް