ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:23
ބާސެލޯނާގެ ކެޕްޓަން އަންދަރޭސް އިނިއެސްޓާ
ބާސެލޯނާގެ ކެޕްޓަން އަންދަރޭސް އިނިއެސްޓާ
ގޯލް.ކޮމް
ސްޕެނިޝް ސުޕާކަޕް
ރެއާލްއާއި ދެކޮޅަށް އިނިއެސްޓާ ނުކުޅޭނެ!
އިނިއެސްޓާއަށް މި މެޗުގައި ނުކުޅެވެނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން
ފުރަތަމަ ލެގުގައި ބާސާވަނީ 3-1 އަކުން ބަލިވެފަ
ދެވަނަ ލެގުގެ މެޗު ކުޅެވޭނީ ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގަ

ސްޕެނިޝް ސުޕާކަޕްގައި ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާގެ ކެޕްޓައިން އަންދަރޭސް އިނިއެސްޓާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އިނިއެސްޓާއަށް މި މެޗުގައި ނުކުޅެވެނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާއަށް މި އަނިޔާ ލިބިފައިވަނީ މި މެޗަށް ތައްޔާރުވުމަށް ކުރި ފަރިތަކުރުންތަކުގެ ތެރޭގައެވެ.

މި އަނިޔާގެ ސަބަބުން ބާސާއިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި އިނިއެސްޓާ ބައިވެރިވެފައެއް ނުވެއެވެ. ހަމަ އެހެންމެ މެޗު ކުޅުމަށް މެޑްރިޑަށް ދަތުރުކުރި ބާސާގެ 19 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމަނިފައެއްނުވެއެވެ.

އިނިއެސްޓާވަނީ ހޯމަ ދުވަހުގެ ރޭ ކުޅުނު ސްޕެނިޝް ސުޕާކަޕުގެ ފުރަތަމަ ލެގުގައި ރެއާލްއާއި ދެކޮޅަށް 68 މިނިޓު ކުޅެފައެވެ.

ފުރަތަމަ ލެގުގައި ބާސާ ވަނީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ރެއާލްއަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޖެރާޑް ޕީކޭގެ ގޯލުން ރެއާލްއަށް ލީޑު ލިބުނު ނަމަވެސް ލިއޮނެލް މެސީގެ ޕެނަލްޓީއިން ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެހެން ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޒުވާން ތަރި މާކޯ އަސެންސިއޯގެ ގޯލުތަކުން ރެއާލްއިން މެޗު ކާމިޔާބުކުރިއެވެ.

މި މެޗަށް ނުކުންނަ އިރު ރެއާލްއަށްވެސް ވަނީ ސަސްޕެންޝަނުގެ މައްސަލަތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ. އޭނާވަނީ ރެފްރީގެ ގައިގައި އަތްލުމުގެ ކުށުގައި ފަސް މެޗަށް ސަސްޕެންޑު ކޮށްފައެވެ.

ސްޕެނިޝް ސުޕާކަޕުގެ ދެވަނަ ލެގުގެ މެޗު ކުޅެވޭނީ ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް