ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 19:26
އިޒްރޭލުގެ ހަމަލާއެއްގައި ފުނޑުވެފައިވާ އިމާރާތެއް ހުރި ސަރަހައްދުގައި ރެސްކިއު ވޯކަރުންނާއި އާންމުން ހަރަކާތްތެރިވަނީ
އިޒްރޭލުގެ ހަމަލާއެއްގައި ފުނޑުވެފައިވާ އިމާރާތެއް ހުރި ސަރަހައްދުގައި ރެސްކިއު ވޯކަރުންނާއި އާންމުން ހަރަކާތްތެރިވަނީ
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޚާން ޔޫނިސްއިން ފަލަސްތީނުގެ 51 މީހުން ޝަހީދު ކޮށްލައިފި
އިޒްރޭލުން މި ސަރަޙައްދުގައި ހިންގަމުންދާ އަހަރެއްހާ ދުވަސްވީ ހަނގުރާމައިގައި، ގެދޮރުގެއްލިފައިވާ މީހުން ހިމާޔަތްކުރުމަށް ބޭނުންކުރަމުންދިޔަ އެތައް ސްކޫލުތަކަކަށް ހަމަލާދީފައިވޭ

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑީއިރުތެރޭ ޚާން ޔޫނިސް ގެ އެކި ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގެ 51 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ޚާން ޔޫނިސްގެ އުތުރުގައިވާ ޣައްޒާ ސިޓީގައި، ރެފިއުޖީން ބޭނުންކުރާ ސްކޫލަކަށާއި އަލް-އަމަލް ޔަތީމްޚާނާއަށް އިޒްރޭލް ޑިފެންސް ފޯސްއިން ހަމަލާދިނުމުގެ ސަބަބުން 22 މީހުން މަރުވެފައިވާކަމަށް މެޑިކަލް އޮފިޝަލުން ރޮއިޓަރސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދީފައިވެއެވެ.

އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން ރޭގަނޑު ޣައްޒާ ސިޓީއަށް ހަމަލާދީ، ތުއްފާހު ސަރަޙައްދުގައިވާ މަސްކަތު ސްކޫލަށާއި އަލް-އަމަލް ޔަތީމްޚާނާއަށް ހަމަލާދިނެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނާ ގޮތުގައި މި ތަންތަނުގައި ހިމާޔަތް ހޯދަމުންދިޔަ 9 މީހުން މަރުވެފައިވެއެވެ.

އެއާއެކު، އިޒްރޭލުގެ އަސްކަރިއްޔާ އިން ޣައްޒާގެ މެދުތެރޭގައިވާ "ބްރިގް ހައި ސްކޫލް" އަށް ހަމަލާދިންކަން އިޢުލާނުކުރިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ މި ދެ ސްކޫލާއި ޔަތީމްޚާނާ ބޭނުންކުރަމުން ގެންދަނީ ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ކޮމްޕްލެކްސް" ތަކެއްގެ ގޮތުގައި ހަމާލާތައް ރާވައި ހިންގުމަށް ކަމަށެވެ.

އިޒްރޭލުން މި ސަރަޙައްދުގައި ހިންގަމުންދާ އަހަރެއްހާ ދުވަސްވީ ހަނގުރާމައިގައި، ގެދޮރުގެއްލިފައިވާ މީހުން ހިމާޔަތްކުރުމަށް ބޭނުންކުރަމުންދިޔަ އެތައް ސްކޫލުތަކަކަށް ހަމަލާދީފައިވެއެވެ. ހަމަލާދިން ކޮންމެ ފަހަރަކުވެސް ބުނެފައިވަނީ އެތަންތަން ބޭނުންކުރަނީ ހަތިޔާރު އެޅި ގްރޫޕްތަކުން ކަމަށެވެ. އެހެން ނަމަވެސް އެހެން ބުނުން ފިޔަވާ އެއްވެސް ހެތްކެއް ދެއްކިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް