ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 07:55
އީރާނުން އިޒްރޭލަށް ދިން ހަމަލާގެ އުފަލުގައި ތެހެރާނުގެ މަގުތަކުގައި ޝުއޫރު ފާޅު ކުރަނީ
އީރާނުން އިޒްރޭލަށް ދިން ހަމަލާގެ އުފަލުގައި ތެހެރާނުގެ މަގުތަކުގައި ޝުއޫރު ފާޅު ކުރަނީ
އީޕީއޭ
އީރާން-އިޒްރޭލު ހަނގުރާމަ
އީރާނުގެ ހަމަލާއާ އެކު ތެލުގެ އަގު މައްޗަށް!
ބައިނަލްއަގްވާމީ ވިޔަފާރީގައި ތެޔޮފީފާ އެއްގެ އަގު 74.40 ޑޮލަރަށް ވަނީ އަރާފަ

އީރާނުން އިޒްރޭލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއާ ގުޅިގެން، މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އުފެދި، ތެލުގެ އަގު މައްޗަށް ހިނަގައްޖެއެވެ.

އިޒްރޭލާއި އީރާނާ ދެމުދުގައި ހަނގުރާމަ އެއް ފެށިއްޖެ ނަމަ ތެލުގެ ސަޕްލައި އަށް ހުރަސް އެޅި ތެޔޮ ފޯރުކޮށްދިނުން މެދުކެނޑިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނު އިޒްރޭލުގެ މަސްރަހް ހޫނުވެފައިވާއިރު، ބައިނަލްއަޤްވާމީ ގޮތުން ތެލުގެ އަގު ވަޒަންކުރުމަށް ބޭނުންކުރާ މުހިންމު މިންގަނޑެއް ކަމުގައިވާ ބްރެންޓް ކްރޫޑްގެ އަގު 1 އިންސައްތަ އަށްވުރެ މަތިވެ، ބައިނަލްއަގްވާމީ ވިޔަފާރީގައި ތެޔޮފީފާ އެއްގެ އަގު 74.40 ޑޮލަރަށް ވަނީ އަރާފައެވެ.

އަންގާރަ ދުވަހުގެ ވިޔަފާރީގެ މުއާމަލާތް ތަކުގައި މިއަގު 5 އިންސައްތަ އަށްވުރެ މައްޗަށް ދިޔަކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ މަޢުލޫމާތު ދައްކާގޮތުން، އީރާނަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. އަދި ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމްޢިއްޔާ އޯޕެކްގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ މެމްބަރު ގައުމެވެ.

ސަރަޙައްދު ހަނގުރާމައިގެ ހާލަތަކަށް ވެއްޓިއްޖެނަމަ، ހޯމޫޒް ކަނޑުން އުފުލޭ ތެލުގެ މިންވަރަށް އަސަރުކުރާނެކަމަށް މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެކެއެވެ.

އޮމާނާއި އީރާނާ ދެމެދުގައިވާ މި ކަނޑަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ވަރަށް މުހިންމު މަގެކެވެ. ދުނިޔޭގެ ތެލުގެ 20 އިން ސައްތަ އުފުލަނީ މި މަގުންނެވެ. 

އޯޕެކްގެ އެހެން މެންބަރުންކަމަށްވާ ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ކުވެއިތު އަދި އިރާގުން އެކްސްޕޯޓްކުރާ ގިނަ ތެޔޮވެސް ފޮނުވަނީ މި ކަނޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް