އަންގާރަ ދުވަހުގެ ރޭ އީރާނުން އިޒްރޭލްގެ އަސްކަރީ އަދި ސަލާމަތީ ތަންތަނަށް ދިން ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާ ތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އީރާނުން 180 މިސައިލް އިޒްރޭލަށް ފޮނުވާލި ކަމަށެވެ.
ހަމަލާތަކުގައި އިޒްރޭލު ރައްޔިތަކު މަރުވިކަން ރިޕޯޓްކޮށްފައެއް ނުވެއެވެ.
އީރާނުން އަންގާރަ ދުވަހު އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކަށް ހުރަސް އެޅުމަށް އުރުދުންގެ އެއަރފޯސް އިން މަސައްކަތްކޮށްފައިވާ ކަމަށް އުރުދުންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެއެވެ. ހުރަސް އެޅި ބައެއް މިސައިލް އުރުދުންގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ފޮޓޯތައް މީޑިއާގައި ވަނީ އާންމުވެފައެވެ. އުރުދުން އިން ބުނެފައިވަނީ އެއްވެސް ބަޔަކަށް "ހަނގުރާމައިގެ މައިދާނަކަށް" އުރުދުން ނުހެދޭނެ ކަމުގައެވެ.
އިޒްރޭލަށް މަދަދުވެރިވާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުން އީރާނުގެ ހަމަލާ ވަގުތުން ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ މެސެޖުގައި"ފުރިހަމަ އަށް އިޒްރޭލަށް ތާއީދު ކުރާކަމަށް ވަނީ ވިދާޅުވެފައެވެ.
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2" ގެ ނަން ދީފައިވާ އީރާނުގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "އީރާނުން ހެދީ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ އަގުދައްކާނެ" ކަމަށެވެ.
އިރާނުން ބުނެފައިވަނީ މި ހަމަލާތަކަކީ ޣައްޒާ އަދި ލުބުނާނަށް އިޒްރޭލުން ދިން މަރުގެ ހަމަލާތަކަށާއި، ފަހަކަށް އައިސް ހަމާސް، ހިޒްބުﷲ އަދި އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ލީޑަރުން އިޒްރޭލުން މެރުމާ ގުޅިގެން ދިން ރައްދެއް ކަމުގައެވެ.
އައިއާރުޖީސީ އިން ބުނެފައިވަނީ 80 އިން ސައްތަ މިސައިލް ޓާގެޓަށް ވާސިލްވި ކަމަށެވެ. އައިއާރްޖީސީން ވަނީ މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން އީރާނަށް ހަމާލާއެއް ދީފިނަމަ އިޒްރޭލު "ފުނޑުފުނޑުކޮށްލާފަދަ" ހަމަލާއެއް ދޭނެކަމަށް ބުނެފައެވެ.
އީރާނުން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ މަގުތަކަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ އުފާފާޅުކޮށްފައެވެ. މަގުތަކަށް ނުކުތް މީހުން ތިބީ އީރާނާއި ހިޒްބުﷲ ގެ ދިދަ އާއި އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ ފޮޓޯ ހިފައިގެންނެވެ. ފަލަސްތީނާއި ލުބުނާނާއި ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ވަނީ އުފާފާޅުކޮށްފައެވެ.
އީރާނުގެ ގަދަފަދަ މިސައިލް ހަމަލާތައް ދިންތާ މަދު ގަޑީއިރެއްގެ ތެރޭގައި އިޒްރޭލުން ވަނީ ބެއިރޫތުގެ އެކި ސަރަހައްދުތަކަށް އެއީ ހިޒްބުﷲ ގެ ޓާގެޓްތައް ކަމަށް ބުނެ ބޮން އަޅާފައެވެ.
އަނެއްކޮޅުން ޣައްޒާގައި، އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 41,638 ށް ވަނީ އަރާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 96,460 މީހުން ވަނީ ޒަޚަމްވެފައެވެ.