ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 15:57
ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު
ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު
ގެޓީ އިމޭޖަސް
ޔަމަނުގެ ހަނގުރާމަވެރިން
ޔަމަނުން އިޒްރޭލުގެ ތެލްއަވީވް އަށާއި އީލާތަށް ހަމަލާދީފި
އިޒްރޭލު ބަލިކުރެވި، އެމީހުންގެ ހުރިހާ ޖަރީމާތަކުގެ ރޭވުންތަކާއި ހަމަލާތައް ފުޅާކުރުމުގެ ރޭވުންތައް ނާކާމިޔާބުވަންދެން ފަލަސްޠީނާއި ލުބުނާނަށް ޔަމަނުގެ ސިފައިން ޢަމަލީގޮތުން އެހީތެރިވެދޭނެ ކަމަށް ބުނޭ

ޔަމަނުގެ ސިފައިން އީލާތާއި ތެލްއަވީވްގެ އިޒްރޭލުގެ އަމާޒުތަކަށް ހަނގުރާމަމަތީ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފި ކަމަށް ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ހާމަކޮށްފިއެވެ.

ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވަނީ، ޣައްޒާ ސްޓްރިޕްގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި ލުބުނާނަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ބަދަލުގައި، ޔަމަނުގެ އެއަރޯސްޕޭސް ޔުނިޓްތަކުން އިޒްރޭލުން ހިފައިފައިވާ ބިންތަކުގައި ހުރި ސްޓްރެޓެޖިކް ތަންތަނަށް ހަމަލާ ދީފައިވާކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސާރީ އަންގާރަ ދުވަހުގެ ހެނދުނު ޓީވީ މެދުވެރިކޮށް ދެއްކި ވާހަކައިގައި ބުނެފައިވަނީ، ޔަމަނުގެ ސިފައިން ތެލްއަވީވް ކައިރީގައި ހުރި މުހިންމު އަމާޒަކަށް އެމީހުން އަމިއްލައަށް އުފައްދާފައިވާ ދުރު ރާސްތާ ޔަފާ ކަމިކަޒީ ޑްރޯނެއް ބޭނުންކޮށްގެން ހަމަލާ ދީފައިވާ ކަމަށެވެ.

ހިފާފައިވާ ބިންތަކުގެ އެންމެ ދެކުނުގައި އޮންނަ އީލާތު ބަނދަރުގައި ހުރި އިޒްރޭލު ސިފައިންގެ ތަންތަނަށް ޔަމަނުގައި އުފައްދާފައިވާ ހަތަރު ސަމަދު-4 (އިންވިންސިބަލް-4) ހަނގުރާމަމަތީ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައިވާނެ ކަމަށެވެ.

ތަރުޖަމާނު ބުނެފައިވަނީ މި ދެ އޮޕަރޭޝަންވެސް ކާމިޔާބުކަމާއެކު އެމީހުން ބޭނުންވި ލަނޑުދަނޑިތައް ޙާޞިލުކުރެވިފައިވާ ކަމަށެވެ.

އޭނާ ފާހަގަކޮށްފައިވަނީ، އިޒްރޭލު ބަލިކުރެވި، އެމީހުންގެ ހުރިހާ ޖަރީމާތަކުގެ ރޭވުންތަކާއި ހަމަލާތައް ފުޅާކުރުމުގެ ރޭވުންތައް ނާކާމިޔާބުވަންދެން ފަލަސްޠީނާއި ލުބުނާނަށް ޔަމަނުގެ ސިފައިން ޢަމަލީގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.

ޔަމަނުގެ ސިފައިން އަރަބި އަދި އިސްލާމީ ހުރިހާ ޤައުމުތަކަށް ގޮވާލާފައިވަނީ އެމީހުންގެ ހަނު ތިބުން ނިމުމަކަށް ގެނެސް، އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވުމަށެވެ.

ޔަމަނުގެ ސިފައިން ބުނެފައިވަނީ ޣައްޒާއަށް އިޒްރޭލުން އެއްގަމާއި ވައިގެ މަގުންދޭ ހަމަލާތައް ހުއްޓަންދެން އެމީހުންގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް