ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 08:20
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ޝެއިޚް ނައީމް ގާސިމް
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ޝެއިޚް ނައީމް ގާސިމް
ރޮއިޓާސް
ލުބްނާން-އިޒްރޭލު ހަނގުރާމަ
ލުބުނާނަށް އަރާ އިޒްރޭލު ސިފައިންނާ ހަނގުރާމަ ކުރަން ތައްޔާރު: ހިޒްބުﷲ
ޓީވީން ދެއްކި މި ބަޔާނުގައި ޤާސިމް ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ހިޒްބުﷲ އިން މިހާތަނަށް ދީފައިވާ ހަމަލާތަކަކީ އެ ޖަމާއަތުގެ ގާބިލު ކަމުގެ ވަރަށް ކުޑަ މިންވަރެއް ކަމުގައެވެ.

ލުބުނާނަށް އަރާ އިޒްރޭލު ސިފައިންނާ ހަނގުރާމަ ކުރަން ތައްޔާރު ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

ހިޒްބުﷲ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ހޯމަ ދުވަހު ވަނީ އެ ޖަމާޢަތުން އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ވައުދުވެފައެވެ. އަދި އެއްގަމުން ލުބުނާނަށް އަރާ އިޒްރޭލު ސިފައިންނާ ހަނގުރާމަ ކުރުމަށް ތައްޔާރަށް ތިބި ކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަ ކޮށްލިފަހުން އެ ޖަމާއަތުގެ އިސް ލީޑަރަކު ދިން ފުރަތަމަ ބަޔާނެވެ.

ސިއްރު ކުރެވިފައިވާ ތަނެއްގައި، ޤާސިމް ދިން ބަޔާނުގައި ނަސްރުﷲ ގެ ފިޔަވަޅުތަކުގެ މަތީގައި ދެމި ތިބޭނޭ ކަމަށާއި، ޕާޓީގެ އިންތިޚާބީ ނިޒާމުގެ ދަށުން "ވަރަށް އަވަހަށް" އާ ސެކްރެޓަރީ ޖެނެރަލެއް ހޮވާނެކަމަށް އޭނާ ބުނެފައިވެއެވެ.

ހިޒްބުﷲ ގެ ޑެޕިއުޓީ ލީޑަރު ގެ މި ބަޔާނުގައި އިޒްރޭލުން ހިންގަމުންދަނީ "ގަތުލުއާންމެއް" ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ވަނީ އެމެރިކާއިން އިޒްރޭލުން ހިންގާ ޖަރީމާތަކަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ޓީވީން ދެއްކި މި ބަޔާނުގައި ޤާސިމް ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް މިހާތަނަށް ދީފައިވާ ހަމަލާތަކަކީ އެ ޖަމާއަތުގެ ގާބިލު ކަމުގެ ވަރަށް ކުޑަ މިންވަރެއް ކަމުގައެވެ.

އޭނާ ފާހަގަކުރި ގޮތުގައި ހިޒްބުﷲ އިން ޣައްޒާގެ މުސްލިމް އަޚުންނަށް ދޭ އެހީތެރިކަން ކުރިއަށްދާނެއެވެ. އަދި އިޒްރޭލަށް މުޚާޠަބުކޮށް އޭނާ ބުނީ އެއްވެސް ގައުމަކުން ލުބުނާނަށް އަރައިފިނަމަ އެކަމަށް ހިޒްބުﷲ އިން "ތައްޔާރަށް" ތިބިކަމަށެވެ. އަދި ޤާސިމް ބުނެފައިވަނީ އިޒްރޭލުން އެ ބުނާ ގޮތާ ޚިލާފަށް، އެ ޖަމާޢަތުގެ ސިފައިންގެ ޤާބިލުކަމަށް އިޒްރޭލުން ދިން ހަމަލާތަކުން އަސަރެއް ކޮށްފައި ނުވާކަމަށެވެ.

- ކޮމެންޓް