ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 07:34
ދެކުނު ލުބުނާނަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ރޯވެ ދުން އަރަނީ
ދެކުނު ލުބުނާނަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ރޯވެ ދުން އަރަނީ
އީޕީއޭ
ލުބުނާން-އިޒްރޭލް ހަނގުރާމަ
ހޯމަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުން 95، ޣައްޒާ އިން 32 މަރު
ދެކުނު ލުބުނާނުން ގާތްގަނޑަކަށް 10 ރޮކެޓް ހަމަލާ އިޒްރޭލަށް ވަނީ ފޮނުވާފަ، ބައެއް ރޮކެޓްތަކަށް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ހުރަސްއަޅާފައިވާ ކަމަށް އިޒްރޭލުން ބުނޭ
ޚަބަރުގެ އޯޑިއޯ

ހޯމަ ދުވަހު އިޒްރޭލްގެ ހަމަލާތަކުގައި ލުބުނާނުގައި މަދުވެގެން 95 މީހުން މަރުވެ، 172 މީހުން ޒަޚަމްވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޕަބްލިކް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

އަނެއްކޮޅުން ޣައްޒާގައި، އިޒްރޭލްގެ ބާރުތަކުން ހިސޯރުކޮށްފައިވާ ސަރަޙައްދަށް ބޮން އަޅާ، މަދުވެގެން 32 މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ ގެއެއްގައި ތިބި 11 މީހުން ހިމެނެއެވެ.

އަންގާރަ ދުވަހުގެ ފަތިހު އިޒްރޭލް ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި ހިޒްބުﷲ އިން ކޮންޓްރޯލް ކުރާ ސަރަހައްދަށް އެއްގަމު މަގުން ވަންނަން ފެށިކަން އިއުލާން ކޮށްފައެވެ. އެއާއެކު، ބޯޑަރު ކައިރީގައިވާ އަވަށްތަކަށް ވަނީ ގަދަފަދަ އާޓިލަރީ ހަމަލާތަކާއި ވައިގެ ހަމަލާތައް ދީފައެވެ.

ލުބުނާނުގެ މަސްރަހް ދުވަހެއް ދުވަހަކަށް ނުރައްކާވަމުންދާއިރު، ގިނަ އެއަރލައިންތަކުން ވަނީ ވަގުތީގޮތުން އެ ސަރަޙައްދަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ.

އަނެއްކޮޅުން އިޒްރޭލްގެ ސިފައިން ބުނާގޮތުގައި ދެކުނު ލުބުނާނުން ގާތްގަނޑަކަށް 10 ރޮކެޓް ހަމަލާ އިޒްރޭލަށް ވަނީ ފޮނުވާފައެވެ. އިޒްރޭލުން ބުނީ ބައެއް ރޮކެޓުތަކަށް ވައިގެ ދިފާއީ ނިޒާމުން ހުރަސް އެޅި ކަމަށާއި އަނެއްބައި ރޮކެޓްތައް ވެއްޓުނީ ހުސް ބިންތަކަށް ކަމަށެވެ. މި ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ނުވަތަ ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާ ދިނުމުގެ ކުރިން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އެމީހުންގެ ގޯތިގެދޮރުން ނުކުމެ ސަރަހައްދު ދޫކޮށް ނުކުމެގެން ދިއުމަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް