ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 06:15
ލުބުނާން އިޒްރޭލް ބޯޑަރު ސަަރަހައްދުގައި އިޒްރޭލުގެ އަސްކަރީ ހަތިޔާރާ ސިފައިން، ސެޕްޓެމްބަރު 30 ވަނަ ދުވަހު
ލުބުނާން އިޒްރޭލް ބޯޑަރު ސަަރަހައްދުގައި އިޒްރޭލުގެ އަސްކަރީ ހަތިޔާރާ ސިފައިން، ސެޕްޓެމްބަރު 30 ވަނަ ދުވަހު
ރޮއިޓާސް
ލުބުނާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލު ސިފައިން ލުބުނާނަށް އަރައިފި
ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މަތިންދާބޯޓުތަކުން ދޭ ހަމަލާތަކުގެ އަޑުފަށްގަނޑު ކެނޑިނޭޅި އިވެމުންދާ ކަމަށާއި، އަދި ހިޒްބުﷲގެ ބާރު އޮންނަ ދެކުނު ސަރަހައްދުތަކުން ބޯ ދުން އަރަމުންދާކަމަށް ރިޕޯޓްތައް ބުނޭ

އިޒްރޭލު ސިފައިން އަންގާރަ ދުވަހު ލުބުނާނަށް އަރައިފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ދެކުނު ލުބުނާނުގެ ސަރަހައްދަށް އަރާ "ޓާގެޓް ކުރެވިފައިވާ އެއްގަމު ހަމަލާތައް" ފަށައިފިކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެއްގަމުން ލުބުނާނަށް އެރި ސިފައިންނަށް މަތިންދާބޯޓުތަކާއި ބޮޑުބަޑިން އެހީތެރިކަން ދެމުން ދާއިރު "މިދިޔަ ދެތިން ގަޑިއިރު" ތެރޭގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލާ ގުޅިފައިވާ ސަރަހައްދުތަކުގައި ހުރި ހިޒްބުﷲގެ އަމާޒުތަކަށް ކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ މި ހަމަލާތަކަކީ "ވަކި ސަރަހައްދުތަކަކަށް އަމާޒުކުރެވިފައިވާ" ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާތައް ފެށުނީ އިޒްރޭލުގެ ސިޔާސީ ވެރިން މިކަމަށް ހުއްދަ ދިން ކަމަށް ބުނިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މިއީ އީރާނުގެ އެހީތެރިކަން ލިބޭ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ އައު މަރުހަލާއެކެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މަތިންދާބޯޓުތަކުން ދޭ ހަމަލާތަކުގެ އަޑުފަށްގަނޑު ކެނޑިނޭޅި އިވެމުންދާ ކަމަށާއި، އަދި ހިޒްބުﷲގެ ބާރު އޮންނަ ދެކުނު ސަރަހައްދުތަކުން ބޯ ދުން އަރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު ސީދާ ކުރިމަތިލުންތަކެއް ހިނގިކަމުގެ ރިޕޯޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދެފަރާތުން މީގެ ކުރިންވެސް ހަނގުރާމަ ކޮށްފައިވާއިރު، އެންމެ ފަހުން އެއްގަމުގައި ކުރިމަތިލުންތައް ހިނގާފައިވަނީ 2006 ވަނަ އަހަރު ހިނގި މަސްދުވަހަކަށް ދެމިގެންދިޔަ ހަނގުރާމައިގައެވެ.

ފާއިތުވި ހަފްތާގައި، އިޒްރޭލުން ހިޒްބުﷲއަށް ދޭ ހަމަލާތައް އިތުރުކޮށް، ލުބުނާނުގައި ހަރަކާތްތެރިވާ އެ ޖަމާޢަތުގެ އިސް ލީޑަރުންނަށް ވަނީ ވައިގެ މަގުން ހަމަލާދީ، އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައެވެ.

އިޒްރޭލުން ލުބުނާނަށް އެއްގަމު މަގުން އަރާކަމުގެ މައުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު މެޓް މިލަރ ވިދާޅުވި ގޮތުގައި އިޒްރޭލުން އެމެރިކާއަށް އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ މަޢުލޫމާތު އަންނަނީ ދެމުންދެއެވެ.

"މިވަގުތު އިޒްރޭލުން ބުނެފައިވަނީ އެއީ ބޯޑަރު ކައިރީގައިވާ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށްފައިވާ ލިމިޓެޑް އޮޕަރޭޝަންތަކެއް ކަމަށް. މިކަމުގައި އެމެރިކާއިން ގެންދަނީ މެދުނުކެނޑި އިޒްރޭލާއެކު މަޝްވަރާކުރަމުން،" މިލަރ ވިދާޅުވިއެވެ.

އިޒްރޭލު ސިފައިން ލުބުނާނަށް އެއްގަމު މަގުން އަރާފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން މެދުއިރުމައްޗަށް އެތައް ހާސް އިތުރު ސިފައިން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރުވެސް މެދުއިރުމަތީގައި އެމެރިކާގެ 40،000 ސިފައިން އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
1 އޮކްޓޯބަރ 2024 | އަންގާރަ 07:03
ޖަލީލު
މިއީ ފަލަސްތީނާ ލުބުނާން އަށް އަމާޒު ހިފާފައިވާ ހަނގުރާމަ އެއް ނޫން. މިއީ މުޅި އިސްލާމީ އުންމަތް ނައް ތާޅުމުގެ.ނިޔަތުގަ ޔަހޫދީން ވަރަށް ބޮޑަށް ރާވައިގެން ފަށާފައިވާ ހަނގުރާމަ އެއް. .މާތްﷲ ޔަހޫދީންގެ ރަހުމު ކުޑަ އަނިޔާ ތަކުން އިސްލާމީ އުއްމަތުގެ އެންމެހައި އަހުން ނާއި އުހުތުން ސަލާމަތް ކުރައްވާށިއެވެ އާމީން އާމީން އާމީން