މާބާރގް ވައިރަސް ބަލި ފެތުރި ރުވާންޑާގައި 6 މީހުން މަރުވެއްޖެއެވެ.
ރުވާންޑާގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މަރުވި ގިނަ މީހުންނަކީ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއަރ ޔުނިޓެއްގައި މަސައްކަތްކުރި ސިއްޙީ އޮފިޝަލުންތަކެކެވެ.
ހުކުރު ދުވަހު މި ބަލި ފެތުރެމުންދާކަން ކަށަވަރުވި ފަހުން 20 ކޭސް މިހާތަނަށް ރުވާންޑާއިން ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މާބާރގް ވައިރަސް ޖެހޭ މީހުން 88 އިންސައްތަ ބަލީގައި މަރުވާކަން ރެކޯޑްކުރެވިފައިވެއެވެ.
މާބާރގް ވައިރަސް އަކީ އެބޯލާ ވައިރަސް އާއިލާގެ ވައިރަހެކެވެ.
މިއީ ވާލުގެ ޒާރިއާއިން އިންސާނުންނަށް އަރާ، އަދި ބަލިޖެހިފައިވާ މީހުންގެ ގައިން އަނެކަކު ގަޔަށް ހަށިގަނޑުގައި އުފެދޭ ދިޔައިގެ ޒަރީއާއިން ގައިގޯޅިވެ އުޅުމުގެ ސަބަބުން ބަލި ފެތުރޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިހުން، ބޭރަށް ހިންގުން، ހޮޑުލުން އަދި ލޭ ބޭރުވުމުގެ ސަބަބުން މަރުވުން ހިމެނެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި މި ވައިރަހަށް ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތް ބައްޔެކެވެ. އެހެން ނަމަވެސް ބައްޔަށް ދޭނެ ފަރުވާއެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.
ރުވާންޑާއިން ގެންދަނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގ، ސަރވެއިލަންސް އަދި ޓެސްޓުކުރުން އިތުރުކުރަމުން ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ސިއްޙަތާބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މާބާރގް ވައިރަސް ޖެހިފައިވާ މީހުންނާ ގުޅުން ހުރި 300 އެއްހާ މީހުން ދަނީ އެކަހެރިކޮށް ބަލަހައްޓަމުންނެވެ.
އޭނާ ވަނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓެކްޓުވުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ކުރިން ވެސް ރުވާންޑާގެ އޮތޯރިޓީތަކުން ވަނީ ބައްޔާމެދު އާންމުން ސަމާލުވުމަށާއި، ސާފު ފެނާއި ސައިބޯނި ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ދޮވުމަށާއި، ޝައްކުކުރެވޭ ހުރިހާ ކޭސްތަކެއް ރިޕޯޓުކުރުމަށް އިރުޝާދު ދީފައެވެ.
ރިޕޯޓުކުރެވިފައިވާ ގިނަ ކޭސްތައް ހުރީ ވެރިރަށް ކިގާލީގައެވެ.
މިއީ ރުވާންޑާ އިން މާބާރގް ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.
ރުވާންޑާ އާ އިންވެގެން އޮންނަ ޓެންޒޭނިއާގައި 2023 ވަނަ އަހަރު މި ބަލި ފެތުރުނު ކަމަށް ރިޕޯޓުކުރެވުނެވެ. އަދި 2017 ވަނަ އަހަރު ޔުގަންޑާގައި މި ބަލީގެ ސަބަބުން 3 މީހުން މަރުވިއެވެ.