ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 18:22
ފެނަކައިން ތިނަދޫ ސިޓީ އަށް ގެންދިޔަ ފެން ޕްލާންޓް ބޭލުމުގެ މަސައްކަތްކުރިޔަށް ދަނީ (ފައިލް)
ފެނަކައިން ތިނަދޫ ސިޓީ އަށް ގެންދިޔަ ފެން ޕްލާންޓް ބޭލުމުގެ މަސައްކަތްކުރިޔަށް ދަނީ (ފައިލް)
ފެނަކަ ތިނަދޫ ބްރާންޗް
ސަރުކާރުގެ ކަރަޕްޝަން
ފެނަކައިގެ ކަރަޕްޝަން ފަތުއަޑު ކިޔާފައި ކުރިއަށް - މިފަހަރު 'ފޭކް' ސްޕެއަރ ގަތީ ރަނުގެ އަގުގައި
ފެނަކައަށް ގަނެފައިވާ ބައެއް ސްޕެއަރ ޕާޓްސްގެ އެންމެ ޔުނިޓެއްގެ އަގު އަޅާކިޔާއިރު އެތަކެތި ގަނެފައިވަނީ ތިން ހަތަރުގުނަ ބޮޑުކޮށްކަން ސާފުކޮށް އެނގޭ
ރާއްޖެއިން 3.5 މިލިއަނަށް ރުފިޔާއަށް ލިބެންހުރި ފެން ޕްލާންޓެއް ތިނަދޫ އަށް ގެންދަން ފެނަކައިން ގަތީ ގާތްގަނޑަކަށް 14 މިލިއަން
ފެނަކައިން އެ ޕްލާންޓް ގަތީ ސަރުކާރުގެ އެހެން ކުންފުންޏަކުން 400 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް، 12 މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް، 7 މިލިއަން ރުފިޔާއަށް ހުށަހަޅާފައިވަނިކޮށް
ޚަބަރުގެ އޯޑިއޯ

ފެނަކައިން ކޮންޓްރެކްޓަރަކު މެދުވެރިކޮށް ބޮޑު އަގުގައި ސްޕެއަރ ޕާޓްސް ގަންނަމުންދާ ކަމާއި މިކަމުގެ ފަހަތުގައި ކަރަޕްޝަންގެ އަމަލުތަކެއް އުޅޭކަން އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

މި މުއާމަލާތުގައި ހިމެނޭ ކޮންޓްރެކްޓަރަކީ މި މަހުގެ ކުރީކޮޅު ގދ. ތިނަދޫ ބްރާންޗަށް ބޭނުންވާ ފެން ޕްލާންޓެއް މާކެޓް ރޭޓަށް ވުރެ އެތައް ގުނަ ބޮޑުކޮށް ވިއްކި އެޗް.ކިއު. ހޯލްޑިންގްސް ކުންފުންޏެވެ.

މި މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކެއް ވެސް މި ނޫހަށް ވަނީ ލިބިފައެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޗް.ކިއު ހޯލްޑިންގްސްއިން ފެނަކައަށް ގަނެފައިވާ ބައެއް ސްޕެއަރ ޕާޓްސްގެ އެންމެ ޔުނިޓެއްގެ އަގު އަޅާކިޔާއިރު އެތަކެތި ގަނެފައިވަނީ ތިން ހަތަރުގުނަ ބޮޑުކޮށްކަން ސާފުކޮށް އެނގެއެވެ.

5،000 ރުފިޔާއަށް ލިބޭ އެންމެ ކިޓްލައިނަރެއް ފެނަކައިން ގަތީ 20،000 ރުފިޔާއަށެވެ.

12،000 ރުފިޔާއަށް ލިބޭ މެއިން ބެއާރިންގް ފެނަކައިން ގަތީ 44،720 ރުފިޔާއަށެވެ.

8،500 ރުފިޔާއަށް ލިބޭ އިންޖެކްޓަރެއް ފެނަކައިން ގަތީ 30،400 ރުފިޔާއަށެވެ.

ފެނަކައިން ބޮޑު އަގުގައި މުދާ ގަނެފައިވާ ލިޔެކިޔުން - ރާއްޖެއެމްވީ

މީގެ އިތުރުން އެޗް.ކިއު ހޯލްޑިންގްސްއިން ފެނަކައަށް ކަމިންސް ބްރޭންޑުގެ މުދާ ވިއްކަން ހޯދާފައިވަނީ ވަގު ސެޓްފިކެޓެއްކަންވެސް މި ނޫހަށް ވަނީ އެނގިފައެވެ. މި ނޫހަށް ލިބިފައިވާ އެ ސެޓްފިކެޓްގެ ކޮޕީއަށް ބަލާއިރު އެއީ ޗައިނާ ކުންފުންޏަކުން ހަދާފައިވާ ސެޓްފިކެޓެކެވެ.

އެ ސެޓްފިކެޓު ދީފައިވަނީ ކަމިންސްއިން ޗައިނާ ކުންފުންޏަކާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމުގައިވާ ޗޮންކިންގް ކަމިންސްގެ ނަމުގައެވެ. އެހެން ނަމަވެސް ސެޓްފިކެޓު ދީފައިވަނީ އަދި މުޅިން އެހެން ކުންފުންޏަކުންނެވެ.

ފެނަކަ އަށް ހުށަހަޅާ ފޭކް ސެޓްފިކޭޓް - ރާއްޖެއެމްވީ

މި ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރަކާ ސުވާލުކުރުމުން ބުނީ ތިން ވަނަ ފަރާތެއްގެ ނަމުގައި މިފަދަ ސެޓްފިކެޓެއް ކޮންމެ މީހަކަށްވެސް ހެދިދާނެ ކަމަށެވެ. އަދި ހަމަ މި ސެޓްފިކެޓާ އެއްގޮތް ސެޓްފިކެޓް ވަރަށް ގިނަ ކުންފުނިތަކުން ހޯދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ކަމިންސް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ހަމަޖައްސާފައިވަނީ އެންމެ ކުންފުންޏެއް ކަމަށާއި އެ ހުރިހާ މައުލޫމާތު ކަމިންސްގެ ރަސްމީ ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި އެޗް.ކިއު ހޯލްޑިންގްސްއިން ފެނަކައަށް މުދާ ވިއްކި އަގުތައް ހިއްސާކުރުމުން އޭނާ ބުނީ ކަމިންސްގެ އޮރިޖިނަލް ސްޕެއަރ ޕާޓްސް ބޭރުން ގެނެސްގެން ވެސް އެއަށްވުރެ އަގުހެޔޮކޮށް ލިބޭ ކަމަށާއި އޮރިޖިނަލް ޕާޓްތައް ރާއްޖޭގައި މިހާރުވެސް މާ އަގުހެޔޮކޮށް ލިބެން އެބަހުރި ކަމަށެވެ.

ތިނަދޫ ފެން ޕްލާންޓް މުއާމަލާތް ވެސް ހިންގާފައިވަނީ ހަމަ މިފަދަ ގޮތަކަށެވެ. އެފަހަރު ވެސް އެޗް.ކިއު މޯލްޑިވްސްއިން ވިއްކާފައިވަނީ ރާއްޖެއިން 3.5 މިލިއަނަށް ރުފިޔާއަށް ލިބެންހުރި ފެން ޕްލާންޓެއް ގާތްގަނޑަކަށް 14 މިލިއަން ރުފިޔާއަށެވެ.

އެ މުއާމަލާތާ ގުޅޭގޮތުން ނަން ހާމަނުކުރާ ގޮތަށް ވާހަކަދެއްކި މީހަކު އޭރު ބުނީ އެޗް.ކިއު ހޯލްޑިންގްސްއިން ވިއްކި ފެން ޕްލާންޓަކީ ގަންނަން ބޭނުންވާ ކަމަށް ބުނެ ފޮނުވި ސްޕެސިފިކޭޝަނަށް ވުރެ ވެސް ދަށް ފެންވަރުގެ ފެން ޕްލާންޓެއް ކަމަށެވެ.

އެގޮތުން ތިނަދޫއަށް ގެންގޮސްފައިވާ އާރްއޯ ޕްލާންޓަކީ 24 ގަޑިއިރުގައި 300 ޓަނު (ގަޑިއިރަކު 12.5 ކޮޑިމީޓަރު) އުފެއްދޭ ޕްލާންޓެކެވެ. ނަމަވެސް، ޕްލާންޓް ގަންނަން ފެނަކައިން ދިން ސްޕެސިފިކޭޝަންގައި ބަޔާންކޮށްފައިވަނީ 20 ގަޑިއިރުން 300 ޓަނު (ގަޑިއިރަކު 15 ކޮޑިމީޓަރު) ޕްލާންޓުން އުފައްދަންޖެހޭ ކަމަށެވެ.

އެހެން ކަމުން ކުރިން 20 ގަޑީއިރު ހިންގައިގެން އުފައްދަން ބޭނުންވި އަދަދަށް ފެން އުފައްދަން މިހާރު ގެންދިޔަ ޕްލާންޓް 24 ގަޑިއިރު ހިންގަން ޖެހޭނެ ކަމަށް މިދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރަކު މިކަމާބެހޭ ގޮތުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޕްލާންޓް ލިބުމުން ތައްޔާރުކުރި އިންސްޕެކްޝަން ރިޕޯޓު މެދުވެރިކޮށް އެކަން ފެނަކައިގެ ވެރިންނަށް ވެސް އެންގި ކަމަށާއި ނަމަވެސް ފަހުން އެ ރިޕޯޓަކީ ވެސް ނެތް އެއްޗަކަށް ހެދި ކަމަށް އޭނާ ބުންޏެވެ.

ފެނަކައިން އެ ޕްލާންޓް އަގުބޮޑުކޮށް ގަތީ ސަރުކާރުގެ އެހެން ކުންފުންޏަކުން ދުވާލަކު 400 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް، 12 މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް، 7 މިލިއަން ރުފިޔާއަށް ވިއްކަން ހުށަހަޅާފައިވަނިކޮށެވެ. އެގޮތް ވެސް ފެނަކައިގެ މެނޭޖްމަންޓުން ބޭނުންނުވެ، އެތައް ގުނަ އަގުބޮޑުކޮށް ފެންވަރު ދަށް ޕްލާންޓެއް ވަނީ ގަނެފައެވެ.

ތިނަދޫ ފެން ޕްލާންޓް މުއާމަލާތުގެ ފަހުން މިހާރުވެސް އެޗް.ކިއު ހޯލްޑިންގްސްއިން އަންނަނީ ގިނަ އަދަދެއްގެ މުދާ ބޮޑު އަގުގައި ފެނަކައަށް ވިއްކަމުންނެވެ. އަދި އެ ކުންފުންޏަކީ ފެނަކައިގެ އިސް ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.

- ކޮމެންޓް