ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 08:01
ދެކުނު ލުބުނާނުގެ ކްފާރް ރޫމަން ނަމަކަށް ކިޔާ ސަރަހައްދަށް އިސްރާއީލުގެ ވައިގެ ހަމަލާތަކުން އުފެދޭ ދުން އުދަރެސްމަތިން އަރަމުންދާ މަންޒަރު
ދެކުނު ލުބުނާނުގެ ކްފާރް ރޫމަން ނަމަކަށް ކިޔާ ސަރަހައްދަށް އިސްރާއީލުގެ ވައިގެ ހަމަލާތަކުން އުފެދޭ ދުން އުދަރެސްމަތިން އަރަމުންދާ މަންޒަރު
އޭޕީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލުގެ ހަމަލާތަކުގައި ބުދަ ދުވަހު ލުބުނާނުން 72 މީހުން މަރުވެއްޖެ
އިޒްރޭލުން ލުބުނާނަށް އަޅަމުންދާ ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 620 އަށްވުރެ މައްޗަށް ގޮސްފައި. އަނެއްކޮޅުން ރައްކައުތެރިކަން ހޯދުމަށް ހިޖުރަކުރާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ ވަނީ އިތުރުވެފައި.

ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބުދަ ދުވަހު އެ ގައުމުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 72 މީހުން މަރުވެއްޖެއެވެ.

މިއާއެކު އިޒްރޭލުން ލުބުނާނަށް އަޅަމުންދާ ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 620 އަށްވުރެ އިތުރުވެފައެވެ.

ލުބުނާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ލުބުނާނަށް އިޒްރޭލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން، ގޯތި ގެދޮރު ދޫކޮށް ރައްކައުތެރިކަން ހޯދުމަށް ހިޖުރަކުރާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ ވަނީ އިތުރުވެފައެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް އިތުރުވެ މަސްރަހް ހޫނުވަމުންދާއިރު، ފަރަންސޭސި ޚާރިޖީ ވަޒީރު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ކުރަމުންދާ ހަނގުރާމަ 21 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަކަށް ހުށަހެޅުމެއް ތައްޔާރުކުރުމުގައި އެމެރިކާއާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމެރިކާ އާއި ފްރާންސް އިން އެކުލަވާލި މި ހުށަހެޅުމަށް، އޮސްޓްރޭލިއާ، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، ސަޢޫދީ އަރަބިއްޔާ، އެމިރޭޓްސް، އަދި ޤަތަރުން ތާއީދުކޮށްފައިވާއިރު، ބުދަ ދުވަހުގެ ރޭވަނީ މި ހުށަހެޅުން ހާމަކޮށްފައެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން ނޮއެލް ވިދާޅުވީ އޭނާ އަންނަ ހަފްތާގައި ބެއިރޫތަށް ވަޑައިގަންނަވާނެ ކަމަށާއި، އެތާނގައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ދެފަރާތުންވެސް ލަސްނުކޮށް މިކަން ޤަބޫލުކުރާނެ ކަމަށް، އެއީ އާންމު ރައްޔިތުން ރައްކާތެ ކުރުމަށާއި ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް މަގުފަހިކުރުމަށްޓަކައި" އޭނާ ވިދާޅުވިއެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯނާ ބައްދަލުކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމާއި ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާ ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުށަހެޅުމުގައި ގޮވާލަނީ 21 ދުވަހުގެ މުއްދަތައް ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ.

މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 އާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ހައްލަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުރުސަތު ދިނުމަށްޓަކައެވެ. މި ޤަރާރަކީ 2006 ވަނަ އަހަރުގެ ޖުލައި މަހު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައަށް ނިމުމެއް ގެނައި ޤަރާރެވެ. މީގެ އިތުރުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލިހުން ފާސްކުރި 2735 ނަމްބަރު ގަރާރު ތަންފީޒް ކުރުމަށް މަޝްވަރާ ކުރުމަށްވެސ1 މި 21 ދުވަހުގެ ތެރޭގައި ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ރިޕޯޓައް ބުނެއެވެ.

ބުދަ ދުވަހުގެ ބަޔާނުގައި އަދި ލުބުނާނާއި އިޒްރޭލުގެ ސަރުކާރުތަކަކުން މި ހުށަހެޅުމަށް ތާއީދުކުރުމަށްވެސް ގޮވާލާފައިވެއެވެ.އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް