ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 00:35
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
ރައީސް ޔާމީން ދަނީ ބިތުފަންގި ނަގައިގެން އަމިއްލައަށް ކެޔޮކޭވަރު ކިޔައިދެމުން
އަދީބަށް ކޮރަޕްޝަން ހިންގަން މަގުފަހިކޮށްދިނީ ރައީސް ޔާމީން
ދައުލަތަށް ފުރަތަމަ އަނބުރާ ދައްކަން ޖެހެނީ ދޫވެއްސަށް ވެއްދި ފައިސާ
އަދީބް އަތުން ފައިސާ ނެންގެވި މެންބަރުންނަށްވުރެ ކުރިން ރައީސް އިސްތިޢުފާ ދެއްވަން ޖެހޭ

ބިތުފަންގި ނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަމިއްލައަށް ކެޔޮކޭންބެއްލެވި މިންވަރު ވިދާޅުވެދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން "ފައިސާ ފައިސާ" ގެ ނަމުގައި އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، ރައީސް ޔާމީން މިހާރު ޕޯޑިއަމަކަށް އަރުއްވައިފިނަމަ، އެމަނިކުފާނުގެ ސަރުކާރުގައި އުސޫލުން ބޭރުން ހިނގާ ކަންކަން އަމިއްލައަށް ހާމަ ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަތަކުގެ ތުޙުމަތު ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ މައްޗަށް ރައީސް ޔާމީން ކުރައްވާއިރު، ރޮޒައިނާ ވަނީ އަދީބަކީ، ކޮންތާކުން ކިހިނެއް ފައިސާ ހޯއްދަވައިގެން ބާރުވެރިވެވަޑައިގަތް ބޭފުޅެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އަދީބު ހިންގެވި ކޮރަޕްޝަނެއް ނަމަ ހިންގެވީ ރައީސް ޔާމީން އެކަމަށް ފުރުސަތު ފަހިކޮށްދެއްވުމުން ކަމަށް ދޭހަވާ ގޮތަށް ރޮޒައިނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައި ޓުއަރިޒަމް  މިނިސްޓަރުކަމަށް އަދީބް ވަޑައިގަތީ  ޕީޕީއެމްއަށް ލިބުނު ސްލޮޓެއްގައި ރައީސް ޔާމީން ދެއްވި ފުރުޞަތަކުން ކަމަށެވެ. އަދި އޭރު މަތީ މަޤާމަކަށް ވަޑައިގަތް ބޭފުޅަކު، އޭގެ އަހަރެއްހާ ދުވަސްފަހުން 2013 ވަނަ އަހަރު ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ޚަރަދު ކުރެއްވީ ކިހިނެއްތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.  

ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އަދީބް އާއި ގުޅުންހުރި ކޮރަޕްޝަންގެ ވާހަކަތައް ރައީސް ޔާމީން އާއި ހިއްސާ ކުރެއްވުމުން، އެއީ އޮޑިޓަރ ޖެނެރަލް ބައްލަވަން ޖެހިވަޑައިގަންނަވާ  ކަމެއް  ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، ގެއަށް ގެންދާ ފައިސާއަކީ ރަނގަޅު އަދަދެއްގެ ފައިސާ ނަމަ، އެއީ ހަލާލު ފައިސާތޯ އަނބިމީހާ ވެސް ނާހާނެ ކަމަށް ވިދާޅުވީ ރައީސް ޔާމީން ކަމަށެވެ. އަދި އޭގެ ފަހުން، މެންބަރުންނަށް އަދީބު ދެއްވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާލުވިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ޒިޔަތާއި ހަވާލާ ދެއްވައި ދާދިފަހުން އަދީބް ހާމަކުރެއްވި ކަންކަން މިއަދު ހާމަވެ، ރައީސް ޔާމީން އަމިއްލައަށް އެކަމަށް އިޢުތިރާފު ވެވަޑައިގެންފައިވާ ކަމަށާ، އެހެންކަމުން ހަލާލު ނޫން ގޮތުގައި ހޯއްދެވި ފައިސާ ދައުލަތަށް ފުރަތަމަ ދައްކަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ކަމަށެވެ.

އަދީބުގެ ފައިސާގައި މަޖިލިހަށް އިންތިޚާބުވެވަޑައިގަތް މެންބަރުން އިސްތިޢުފާ ދެއްވުމަށް ރައީސް ޔާމީން ގޮވާލައްވާފައި ވާތީ، އެކަމަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ، އެ ގޮތުން ބަލާއިރު، ފުރަތަމަ އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ވެސް ރައީސް ޔާމީން ކަމަށެވެ.

އަންގާރަ ދުވަހުގެރޭގެ ހަރަކާތުގައި ރޮޒައިނާ ވަނީ މިނިވަން މުއައްސަސާތަކުން ފުރިހަމަ މިނިވަންކަމާއިއެކު މަސައްކަތްކޮށް ރައީސް މިހާރު ހާމަ ކުރައްވަމުން ގެންދަވާ ކަންކަން ތަޙުޤީޤު ކުރެއްވުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް