ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 17:44
ރައީސް މުއިއްޒު އދ އަށް ކުރައްވާ ދަތުރުފުޅު - ކޮންމެ ކަމެެއްގައިވެސް ހައިބަތާއި ދެއްކުންތެރިކަން އިސްކުރައްވާކަން ގިނަ ބަޔަކު ފާހަގަ ކުރޭ
ރައީސް މުއިއްޒު އދ އަށް ކުރައްވާ ދަތުރުފުޅު - ކޮންމެ ކަމެެއްގައިވެސް ހައިބަތާއި ދެއްކުންތެރިކަން އިސްކުރައްވާކަން ގިނަ ބަޔަކު ފާހަގަ ކުރޭ
ރާއްޖެއެމްވީ ގްރެފިކްސް
މަގޭ ރިޕޯޓް
ރައީސް މުއިއްޒުގެ މަންޒަރާ އަޑު ދިމަލެއް ނުވޭ
ރައިސް މުޢިއްޒު ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ޚާއްސަ ކޮށް އިގްތިސާދީ ހާލަތު އޮތް ގޮތާ ބެހޭ ގޮޮތުން ބޭރު ދުނިޔޭގައި ދައްކަވާ ވާހަކަފުޅާއި އެމަނިކުފާނުގެ އަމަލުތައް ހުންނަ ގޮތް ވަރަށް ބޮޑަށް ދިމާ ނުވާކަން ގިނަ ބަޔަކުު އަންނަނީ ފާހަގަ ކުރަމުންނެވެ. ފެންނަނީ ވަރަށް ތަނަވަސް ފުދި އިތުރުވެ ބާކީވެސް ވާ ގައުމެއްގެ ހައިބަތެވެ. ދައްކަވަނީ ދެކޮޅު ނުޖެހިގެން އެތަނުން އެހީ މިތަނުން އެހީ ލިބިގެން ނޫނީ ގައުމު ސަަލާމަތްވެެސް ވާން ނެތް ގައުމެއްގެ ވާހަކައެވެ.
ޚަބަރުގެ އޯޑިއޯ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ބަހާ އަމަލާ ދިމާނުވުމުގެ ވާހަކަ އަކީ އާ ވާހަކަ އެއް ނޫނެވެ. އެއީ ގައުމުގައި އެންމެ އާއްމުކޮށް ދެކެވޭ އެއް ވާހަކަ އެވެ. މިވާހަކަ ދައްކަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. ސަރުކާރުން ތާއީދު ކުރާ ފަރާތްތަކުން މި ވާހަކަ ދައްކާލެއް މަދެއް ވެސް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުން ރައީސް މުއިއްޒަކީ ދެ މޫނުގެ ވެރިއެކެވެ. އިނގިރޭސި ބަހުން ނަމަ "ސްޕްލިޓް" ޕާސަނަލިޓީގެ ބޭފުޅެކެވެ.

މި ފަދަ އެއްވާހަކަ އަކީ ރައީސް މުއިއްޒު މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ދެކެވޭ ވާހަކަ އެކެވެ. އދ ގެ އާއްމު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސައިޑް އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވާތީ ފެނެ އެވެ. ދައްކަވާތީ ގިނައިން އިވެނީ ރާއްޖެއިން އެހީ ބޭނުންވާ ވާހަކަ އެވެ. ދަރަނި ބޮޑު ވާހަކަ އެވެ. އަންމަތި ދަތި ވާހަކަ އެވެ. ލޯނުގެ އިންޓަރެސްޓް ބޮޑު ވާހަކައެވެ. އިގްތިސާދު ވެއްޓިފައި އޮތް ވާހަކަ އެވެ. ނަމަވެސް މި ދަތުރުފުޅަށް ފެއްޓެވި ދުވަހުގެ ފުރަތަމަ މަންޒަރާ ހަމައަށް ރިވައިންޑް ކޮށްފައި އަލުން ބަލާލުމުން ފެންނަނީ މި ދައްކާ ވާހަކަ އާއި އެ މަންޒަރާ ދިމާނުވާ ކަމެވެ. ދެއްކެވި ހައިބަތުގެ ބޮޑު ކަމުންނެވެ. ކުރައްވާ ޚަރަދުތަކުގެ ބޮޑު ކަމުންނެވެ. ދަތުރުފުޅަށް ވެލާނާ އެއަރޕޯޓަށް ވަދެގެން އައި ގާފިލާގެ ދިއްލުންތަކާ ހައިބަތާ ފެނުމުން ހިތަށް އަރައެވެ. ލޯތައް ތަރަތަރަ ޖަހާފަދަ ދިއްލުންތަކުގައި ބޮޑު އިއްޒަތުގައި އެވަޑައިގަންނަވަނީ އާދައިގެ ފަގީރު ގައުމެއްގެ ވެރިއެއް ނޫނެވެ. ދެން ފެނުނީ ބޮޑު ކިއު އެކެވެ. މުޅި ސަރުކާރު އޮތީ އެއާޕޯޓަށް ޖަމާކުރައްވާފައެވެ. ވީއަޕީން ފަރިއްކުޅުއްވަން ވެސް ލައްކަ ބައިވަރު މީހުން ތިއްބެވެ. ޔަގީނުން ވެސް މީގެއިން ކޮންމެ މީހެއްގެ ބޮލަށް 100 ޑޮލަރަށްވުރެ ބޮޑު ފިއްޔެއް އެއަރޕޯޓަށް ދައްކަން ޖެހެއެވެ. ދެން އޮތީ އަރިހުގައި ފުރާ ވަޑައިގެންނެވި ބޭފުޅުންގެ ވާހަކަ އެވެ. ޕީއާރު ޓީމުތަކާ ދަތުރުފުޅު އެރަހައްޓާ ޓީމުތަކެވެ. ވަޒީރުންނާ އެ ފެންވަރުގެ ބޭބޭފުޅުންނެވެ. މުފައްކިރުންނާ އެޑްވައިޒަރުންނެވެ. ހަމަ ޔަގީނުންވެސް މި ހުރިހާ ބޭފުޅުންގެ ހުރިހާ ހަރަދެއް ކުރައްވާނީ ސަރުކާރުންތާއެވެ. ޓްރާންސިޓް "ކޮސްޓާ ކޮފީ" އާއި މިހެން ގޮސް ދައްކާލާ ގޮތުން ހީވަނީި މިއީ ފުދި އިތުރުވެގެން އުޅޭ ބައެއް ހެންނެވެ. އަދި މިހާވަރަކުން ނުނިމެއެވެ.

ދެން އޮތީ މި ދަތުރުފުޅުގައި ރާއްޖެއިން ސްޕޮންސަރ ކޮށްގެން ބައްވަވަމުން ގެންދަވާ ސައިޑް އިވެންޓް ތަކެވެ. މި އިވެންޓް ތަކުގެ "ލަންޗު"ތަކެވެ. އަގު ބޮޑު ޑިނަރ ތަކެވެ. މިއީ ހައްތަހާވެސް ޚަރަދެވެ. ބޮޑެތި ސިންގާހާ ޚަރަދެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އދ ގައި ތަގުރީރެއް ކުރެއްވުމަށްޓަކައި ކުރައްވަން ޖެހޭހާ ޚަރަދުތޯއެވެ؟ މިއީ އަލަށް ރާއްޖޭގެ ވެރިޔަކު ސަމިޓަކަށް ވަޑައިގަތީއެއް ނޫނެވެ. އެކަމަކު އުޅުއްވާ ގޮތުން އަލަށް ރާއްޖެއަށް ޔޫއެންގެ މެމްބަރުކަން ލިބުނީއޭވެސް ހީވެއެވެ. ފެންނަ ފެނުމުން ހީވަނީ ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްޤިޔާ ވަޑައިގެން އުޅުއްވަނީ ހެންނެވެ. ފެންނަ މީހުން ހިތައް އަރާނެތާއެވެ. މިއީ ހާދަހާ މުއްސަނދި ގައުމެއްގެ ރައީސެކެވެ. ހާދަހާ ލާރިއެއް އޮވެގެން އުޅޭ މީހެކެވެ. އެކަމަކު ތަގުރީރުތަކުގައި ޖައްސަވަނީ ސަލާމެވެ. ވީއި އިރު މަންޒަރާއި އަޑު ދިމައެއް ނުވެއޭ ބުނެވޭނެ ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް