ރައްޔިތުންގެ މަޖީލީހުގެ މެންބަރުން އެމަޖިލީހަށް ވަނުމަށް ހުރަސްއެޅި ފުލުހުންނާ ސިފައިން އެހިންގީ ޤާނޫނާ ޚިލާފް ބޮޑު ޖަރީމާއެއް ކަމަށާއި އެމީހުން އެވަނީ ހުވަޔާ ޚިލާފްވެފައި ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދަޅުވާ މައުމޫން ހަމީދު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މައުމޫން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށާއި އެބާރަށް އެހެން ބާރަކުން ހުރަސް ނޭޅޭނެ ކަމަށެވެ. އަދި އެމަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަނުން މަނާ ކުރެވޭނީ ހަމައެކަނި އެމަޖިލީހުގެ މެންބަރުންނަށް ކަމަށާއި އެމަޖިލީހަށް އެމެންބަރުން ނުވަދެވޭނެ ކަމަށް ނިންމޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ވެސް އެމެންބަރުން ނުވަދެވޭނެ ކަމަށް ނުބުނެވޭނެ ކަމަށް މައުމޫން ހަމީދު ވިދަޅުވިއެވެ.
" ރައްޔިތުންގެ މަޖިލީހަށް އެމެންބަރުން ވަނުން މަނާ ކުރެވޭނީވެސް އެމެންބަރުންނަށް. އެއީވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ރައްޔިތުންގެ މަންދޫބުން އެބޭފުޅުން ގޭގައި ހުރިހާ ރައްޔިތުން ތަބާވާން ޖެހޭ ޤާނޫނުތައް މި އެކުލަވާލައްވަނީ. އެހެންވީމަ އެބޭފުޅުންނަށް އެގެއަށް ނުވަދެވެންޏާ އެ ކިހިނެއްތޯ އެވަނީ. އެއްވެސް ފަރާތެއް ނުހުންނާނެ އެބޭފުޅުންނަށް ނުވަދެވޭނެ ކަމަށް އެންގޭނެ. އެހެންވީމާ އެމަނާ ކުރި ކުރުން އެއޮތީ މަނާވެފައި. ބާތިލް އިޖުރާއަތަކަށް ކަމެއް ނުކުރެވޭނެ. ސިފައިން އެކަން އެކުރެއްވީ. ފުލުހުން އެކަން އެކުރެއްވީ. އެއިން ކޮންމެ ބޭފުޅަކު އެމަސައްކަތް އެކުރެއްވީ ރަސްމީ ހައިސިއްޔަތަކުންނެއް ނޫން. ސިފައިންގެ އޮފިސަރުން ވެސް އެކުރެއްވީ ޤާނޫނީ އަމުރެއް ނޫން" މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ފުލުހުންނާ ސިފައިންނަކީ ޤާނޫނާ އެއްގޮތަށް ކަންކުރަން ޖެހޭ ބައެއް ކަމަށާއި އެމީހުން ކަމެއް ކުރަނީ ކޮން ޤާނޫނެއްގެ ދަށުންތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެމަޖިލީހުގެ މެންބަރުން ވަނުމަށް ހުރަސްއެޅީ ކޮން ޤާނޫނެއްގެ ދަށުންކަން ބުނެދޭން ޖެހޭނެ ކަމަށާއި އެފަދަ ޤާނޫނެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ..
"ދައުލަތުގެ އެއްބާރު އެ ހައިޖެކް ކުރީ. މިއީ ހަޤީގަތުގައި ވަރަށްބޮޑު ޖަރީމާއެއް. ދުސްތޫރު ފުނޑާލެވޭ ކަހަލަ ކަމެއް. ޤާނޫނު އަސާސީގައި ބަޔާން ކުރާނެ ސަލާމަތީ ޚިދުމަތްތަކުން ކަންކުރަން ޖެހޭނީ އަބަދުވެސް ޤާނޫނު އަސާސީއާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނޭ. ޤާނޫނުތައް ނަގަހައްޓަން ޖެހޭނޭ އަދި ދިމުކްރާތީ މުއައްސަސާތައް ނަގަހައްޓަން ޖެހޭނެޔޭ. އެންމެ ޑިމޮކްރެޓިކް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހަށް ހުރަސް އެޅުއްވީމާ ހުވަޔާ އެއްގޮަތަށް ވެސް ޢަމަލެއް ނުކުރެއްވުނީ" މައުމޫން ހަމީދު ވިދާޅުވިއެވެ.