ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 19:10
މާލެ، ވިއްކާލަން އިއުލާނުކޮށްފައިވަނީ މާލޭގެ ނިސްބަތުން ބޮޑު ތިން ބިމެއް
މާލެ، ވިއްކާލަން އިއުލާނުކޮށްފައިވަނީ މާލޭގެ ނިސްބަތުން ބޮޑު ތިން ބިމެއް
އަޝްވާ ފަހީމް
ބިން ވިއްކުން
މާލޭގެ ބޮޑު ތިން ބިމެއް ވިއްކާލަން ސަރުކާރުން ނިންމައިފި
ދަންޑަހެލުގޭ ބިން ދެ ޕްލޮޓަކަށް ބަހާލައިގެން
ދެ ނަމްބަރު ކުނި ކޮށި ހުރި ބިން ތިން ޕްލޮޓަކަށް ބަހާލައިގެން
ކުރީގެ ކޯޓް ކޮމްޕްލެކްސް ބިން ހަތަރު ޕްލޮޓަކަށް ބަހާލައިގެން

މާލޭގެ ބޮޑު ތިން ބިމެއް ވިއްކާލުމަށް ނިންމައި ހައުސިންގ މިނިސްޓްރީއިން އެކަން އިއުލާނު ކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާ ބެހޭ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ގާނޫނުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނސްޓްރީތަކާ ހަވާލުކުރެވޭ ބިން، އެމިނިސްޓްރީއަކުން ދޫކުރަންވާނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެމިނިސްޓްރީއާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ހައްގު ލިބިދެވޭނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން ވިއްކާލަން ނިންމާފައިވަނީ ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި ބިމާއި، އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިމުގެ އިތުރުން، ދަންޑަހެލުގޭ ބިމެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ފްރީ ހޯލްޑް އުސޫލުންނެވެ.

އެ ބިންތަކުގެ ތެރެއިން ދެ ޕްލޮޓަކަށް ހަދައިގެން ވިއްކުމަށް ނިންމާފައިވާ ދަންޑަހެލުގެއަކީ މާފަންނުއާގެ އިން ދާދި ފަހުން ސަރުކާރަށް ނެގި ބޮޑު ބިމެވެ. މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ އެގޭ ފާތިމަތު ފަރީދާގެ ބިމެއް ނަމަވެސް ގޯތީގެ 22،000 އަކަފޫޓުގެ ތެރެއިން 12،000 އަކަފޫޓު ގެ ބިން ވަނީ ބަދަލު ދިނުމަށް ފަހު ނަގާފަ އެވެ. އެ ބައި 1990 ވަނަ އަހަރު ދައުލަތަށް ނެގީ އޭރުގެ ރިއާސީ ގަނޑުވަރު ކަމަށްވާ ތީމުގެ ހުންނަނީ މާފަންނުއާގޭ ކުރިމަތީގައި ކަމަށްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

އޯކިޑް މަގާއި ފަރީދީމަގަށް ވާ ގޮތަށް ތީމުގޭ ކުރިމަތިން އޮންނަ އެ ބިމުގައި ބޮޑެތި އިމާރާތްތަކެއް ނެތް ނަމަވެސް ތީމުގެ ކުރިމަތިން އޮންނަ ބިމުގައި އަމިއްލަ ބައެއްގެ ގުދަނެއް ހަދާފައިވެ އެވެ. ދާދި ފަހުން ހައުސިންގ މިނިސްޓްރީއިން ވަނީ ސަރުކާރަށް ނެގި ބައިގައި އިންފާރު ރާނައި، އެތަނުގައި ހުރި އިމާރާތް ތަޅާލާފަ އެވެ.

ކުރީގެ ދެ ނަމްބަރު ކުނިކޮށި ވިއްކާލުމަށް ނިންމާފައި ވަނީ ތިން ޕްލޮޓަކަށް ބަހާލައިގެންނެވެ.

އެސްޓީއޯއިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން ވިއްކާލުމަށް ނިންމާފައި ވަނީ ހަތަރު ޕްލޮޓަކަށް ބަހާލައިގެންނެވެ. ކުރިން އެސްޓީއޯއިން ގުދަނަކަށް ބޭނުންކުރި، ވިލާ ކޮލެޖާ އިންވެގެން ހުޅަނގަށް އަދި އަތޮޅު ވެހީގެ އިރުން ބޮޑުތަކުރުފާނު މަގުގައި އޮންނަ އެ ބިން ހުސްކޮށް ޝަރުއީ ދާއިރާގެ ބޭނުމަށް އެބިމުގައި 14 ބުރީގެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް ކުރިން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 2014 ވަނަ އަހަރު ބުނެފައިވެއެވެ.

މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާައިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް