ކުދި ޖަޒީރާ ގައުމުތަކަށް (ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް - ސިޑްސް) ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
"ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓެއްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވިއެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް މުއިއްޒު ވަނީ ހުށައަޅުއްވާފައެވެ. އެގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.
ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިޔަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުން ބައިނަލްއަގުވާމީ އިގްތިސާދީ ހަލަބޮލިކަމުގެ ތެރޭގައި އެގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެގައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސް އަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު އައު ކުރެއްވިއެވެ.
މިއީ ރައީސްގެ މިދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން، ހޮނިހިރު ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓެވެ. މި ސައިޑް އިވެންޓް ކޯ-ޗެއަރ ކުރަނީ ދިވެހިރާއްޖެ، އެންޓީގާ އެންޑް ބާބިޔުޑާ އަދި ނިއުޒިލޭންޑްގެ އިތުރުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައި.އައި.އީ.ޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒް އެވެ.