Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 18:50
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރައީސް އޮފީސް
ހަޔަރ އެޑިކިޔުކޭޝަންގެ މަސައްކަތްތައް
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ
މި ސިސްޓަމާއެކު ޚިދުމަތް އަވަސްވާނެ
ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވެފައިވާ ކަމަށް އެދަރިވަރުން ބުނެފައިވޭ

މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް އިދާރީ ގޮތުން ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ގިނަ ވަގުތުތައް ހޭދަވާ ކަމަށާއި، އެހެނިހެން ކަންކަމާއި ގުޅިގެން ވެސް ލަސްތައް ކުރިމަތިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

Advertisement

ލޯނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމުގައި ލަސްވާ ސަބަބުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ލޯނު ދޭން އިއުލާނު ކޮށްފައިވާ ގައުމު ނޫން ގައުމަކަށް ދާން އެދުމުން ދިމާވާ އިދާރީ ދަތިތަކާއި، ޔުނިވާސިޓީތަކުން ލިބެންޖެހޭ ބައެއް ލިއުންތައް ނުލިބުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.  

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފައިސާ ދޫކުރުން ލަސްވުމާއި، ޚިދުމަތް އަވަސް ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ސިސްޓަމާއެކު ޚިދުމަތް އަވަސްވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ލޯނެއް ދޫކުރަން ފެށުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތެއް ހުރޭ. ދަރިވަރުންނަށް އިރުޝާދު ދެވިފައި އޮންނަނީ އެމަސައްކަތްތައް ކުރުމަށް ހޭދަވާނެ ވަގުތު އޮއްވާ ކަމާ ގުޅޭ ލިޔުންތައް ހުށަހަޅާ ދިނުމަށް. އަދި އެލިޔުންތައް ފުރިހަމަ ކުރުމަށް ވެސް ބާރުއެޅިފައި އޮވޭ. ނަމަވެސް ލޯނުގެ އަދަދު ހަމަޖެއްސޭނެ ގޮތަށް ލިޔެކިއުން ހުށަހެޅުމަކާ ނުލާ އެކަމަށް އެދިފައި އޮންނަ ތަން އާދޭ. އެހެންވީމަ ލޯނުގެ ލިޔެކިއުންތައް މަސައްކަތް ނިންމާ އިތުރު ދަތިތަކާ ލަސްތަކެއް ކުރެވިމަތިވޭ. އެކަންކަން ފަސޭހަ ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ދެނެ ގަނެ އެކަންކަން އަބަދުވެސް ދަނީ ކުރަމުން. އެހެންކަމުން ލޯނު ދޫކުރުމުގެ ކަންކަން ކުރުމަށް ވެސް މިހާރަށްވުރެ ހަލުހިވާނެ ގޮތަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ހަޔަރ އެޑިކިޔުކޭޝަންގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާއިރު، ރާއްޖޭއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވެފައިވާ ކަމަށް އެދަރިވަރުން ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ޑޮލަރުގެ ތާށިކަމެއް ދަރިވަރުންގެ ތައުލީމަށް މިވަގުތު ކުރިމަތިވެފައި ނެތް ކަމަށާއި، މާލީ ވުޒާރާއިންވެސް ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. މިނިސްޓްރީގެ މަސައްކަތްތައް ވެސް ލަސްވަނީ އެކަށީގެންވާ "ސިސްޓަމެއް" ގާއިމު ކުރެވިފައި ނެތުމުންކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ލިބުން ދަތިވެ ގިނަ ބަޔަކު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ދަރިވަރުންގެ އަތުގައި ލާރިއެއް ނެތްކަމަށާއި، ލިބެންޖެހޭ ސްޓައިޕެންޑް (އެލަވަންސް) ލިބުން ނުހަނު ލަސްވާކަމަށް އެތައް ދަރިވަރުންގެ އާއިލާތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އާއިލާއާ ދުރުގައި ރާއްޖޭން ބޭރުގައި އެކުދިން ދިރިއުޅެމުންދާއިރު، އެކުދިން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް ނުކުރެވި، އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާން ޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެކުދިންގެ އާއިލާ ގޮސްފައިވާކަމަށް ބައެއް އާއިލާތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް