ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 13:02
އިސްލާމީ މަރުކަޒަށް ހުކުރު ނަމާދު ކުރުމަށް މީހުން ވަންނަނީ
އިސްލާމީ މަރުކަޒަށް ހުކުރު ނަމާދު ކުރުމަށް މީހުން ވަންނަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ތިބާއަކީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށްވެ، އެހެން މީހުން ހިތުގައި ނުޖެއްސުމަށް ޚުތުބާގައި ގޮވާލައިފި
މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދީ، ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް އިސްކަންދޭންޖެހޭ
މާތް ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ
މުހުތާދުވެރިންނަށް އެހީގެ އަތް ދިއްކުރަންޖެހޭ

އެންމެ މަންފާހުރި މީހަކަށް ވުމަށް ތިބާއަކީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށްވާން ޖެހޭ ކަމަށާއި، އެހެން މީހުން ހިތުގައި ނުޖެއްސުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އެންމެ މަންފާހުރި މީހާ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށާއި، އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުވުން ކަމަށެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމާއި، އެމީހުން ހިތުގައިނުޖެއްސުން ކަމަށްވާއިރު، އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމަށާއި، މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއަށްފަހު ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށެވެ.

ޚުތުބާގައި ބުނީ ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށްވާން ޖެހޭ ކަމަށާއި، އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެ ކަމަށެވެ. އަދި މާތް ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ ކަމަށާއި، އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.

ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރާށެވެ! އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވާށެވެ! އެ މީހުންގެ ކަރުނަތައް ތިބާ ފުހެލައިދޭށެވެ! ލޮބުވެތި ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِيْ عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيْهِ)[2] މާނައީ: "ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ. ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެތެވެ." ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ލޮބުވެތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މި ބަސްފުޅުން މުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެނގެއެވެ. އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މައުނަވީ ކަންތައްތައް ވެސް ހިމެނޭނެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިތުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެއް ކަމަށެވެ. ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމާއި، ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން ހިމެނޭ ކަމަށެވެ. ނުވަތަ ދަރަނި އެއްކޮށް މާފުކުރުންކަން ފާހަގަކޮށްފައިވެއެވެ.

މި ކަމުގެ ސަވާބުގެ މަތިވެރިކަމާ މެދު ލޮބުވެތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَـحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ)[3] މާނައީ: "ދަރަނި އަދާކުރަން ޖެހޭ މުއްދަތުގައި ދަރަނި އަދާނުކުރެވުނު، އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނީން މިންވަރެއް އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ﷲ އެ ކަލާނގެ ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެތެވެ." ކީރިތި ރަސޫލާ z އެ ކަމަށް ހިތްވަރުދެއްވައި އެ ކަމުގެ ސަވާބާއި ދަރުމައިގެ މަތިވެރިކަން  ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދަރަނި އަދާކުރުން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ. އަދި ދަރަނި އަދާކުރުމުގެ އެ މުއްދަތު ހަމަވުމުން، އިތުރަށް ލަސްކޮށްދިނުމަކީ، އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ."[4] ކިހައި ބޮޑު ސަވާބެއް ހެއްޔެވެ؟ ކިހައި ބޮޑު ދަރުމައެއް ހެއްޔެވެ؟
ހުކުުރު ޚުތުބާ

މާތް ﷲގެ ހަޟްރަތަށް ލޮބުވެތިވެގެންވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުމެވެ. ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބަޔެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުގައިވާ ކަމަށެވެ. އަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށްޓަކައި މަސައްކަތް ކުރުން ކަމަށާއި، އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިއުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް