ލ. ގަމު ޕޮލިސް ސުޓޭޝަން އިން އިންތިޒާމް ކޮށްގެން އޮފީސް، ކުންފުނިތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޔޫތު ފޯ ސޭފާ ކޮމިއުނިޓީ ފުޓްސަލް މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭ ވެސް ކުޅެވޭނެއެވެ.
ޖުމްލަ 14 ޓީމު ބައިވެރިވި މި މުބާރާތް ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. އެގޮތުން މިރޭ ވެސް މުބާރާތުގެ ގުރޫޕް ސުޓޭޖު ތިން މެޗު ކުޅެވޭއިރު، މިރޭގެ ފުރަތަމަ މެޗު ފެށޭނީ 20:30 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ އެސްޓީއޯ މެޑިކަލްސް އާއި ކުރިގަމު އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީއެވެ.
މިރޭގެ ދެވަނަ މެޗު 21:30 ގައި ކުޅެވޭއިރު މި މެޗުގައި ބައްދަލު ކުރާނީ ދިރާގު އާއި ފޮނަދޫ ޔޫތު ސެންޓަރެވެ. މިރޭގެ ފަހު މެޗު 22:30 ގައި ކުޅޭއިރު މި މެޗުގައި ބައްދަލު ކުރާނީ ގަމު ރީޖަނަލް ހޮސްޕިޓަލް އަދި އެސްޓީއޯ ފޮނަދޫ އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކެއް ރޭވެސް ކުޅެވިގެން ދިޔައިރު، ރޭގެ މެޗުތަކުން މޮޅުވެ ލާމު ޕޮލިސް އަދި ކައްދޫ އެއާޕޯޓްސް ވަނީ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ.
މިއަހަރު މުބާރާތުގެ ޗެމްޕިއަން ކަން ހޯދާ ޓީމަކަށް 15،000ރ ލިބިގެންދާއިރު، ރަނަރަޕް ޓީމަށް 5،000ރ ލިބިގެންދާނެއެވެ. މިއީ ކޮންމެ އަހަރަކު ވެސް ތު ފޯ ސޭފާ ކޮމިއުނިޓީ ނަމުގައި ލ. ގަމު ޕޮލިސް ސުޓޭޝަން އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިހާތަނަށް މި މުބާރާތް 3 ފަހަރު ބާއްވާފައިވާ އިރު މި މުބާރާތް އަމާޒް ކޮށްފައި ވަނީ އޮފީސްތަކާއި ކުންފުނިތަކަށެވެ.