އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ގަތުމަށް މެންޗެސްޓާ ސިޓީ އިން ބިޑުކުރަން ނިންމައިފިއެވެ.
ދަ ޓެލެގްރާފް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސިޓީއިން ސަންޗޭޒް ގަތުމަށް 60 މިލިއަން ޕައުންޑް ބިޑު ކުރާނެއެވެ. ސަންޗޭޒް އަކީ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އެ ޓީމަށް ވަރަށް ގެންނަން ބޭނުންވާ ކުޅުންތެރިއެކެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ސަންޗޭޒް ވަނީ އާސެނަލް ދޫކޮށްލާނެކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ކުޅުމަށް ބޭނުންވާ ކަމަށާއި އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އާސެނަލްއިން ކަމަށް ބުނެފައެވެ.
ސަންޗޭޒްގެ ކޮންޓްރެކްޓްގައި ބާކީ އެއްއަހަރު އޮތްއިރު އޭނާގެ ކުރިމަގާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. މި ސީޒަނުގައި އާސެނަލްއަށް ޗެމްޕިއަންސް ލީގުގައި ކުޅެން ފުރުސަތު ނުލިބުމަކީ އޭނާ އާސެނަލްގައި މަޑު ކުރުވުމަށް ދިމާވެފައިވާ ބޮޑު ހުރަހެކެވެ.
ބާސެލޯނާއަށް ކުރިން ކުޅުނު 28 އަހަރުގެ ސަންޗޭޒް ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މއުނިކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސަންޗޭޒް ވަނީ ދެ ފަހަރެއްގެ މަތިން ޗިލީއާއިއެކު ކޮޕާއެމެރިކާ ކާމިޔާބު ކޮށްފައެވެ.