އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓެޖް ކޮލިފައިންގައި ޖަރުމަނުގެ ހޮފެންހައިމްއާ ވާދަކުރާ ލިވަޕޫލްގެ ސްކޮޑުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ބާކީކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ސްކޮޑުން އޭނާ ބާކީކޮށްފައިވާއިރު ހޮނިހިރު ދުވަހު ލިވަޕޫލްއާއި ވޮޓްފޯޑް ބައްދަލުކުރި މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. ލިވަޕޫލްއިން ބުނެފައިވާ ގޮތުގައި އޭނާއަށް އެ މެޗު ކުޅެވިފައި ނުވަނީ ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ.
ފާއިތުވި ހަފްތާތަކުގައި ކުޓީނިއޯގެ ސޮއި ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ވަނީ ދެފަހަރަކު ބިޑުކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލްއިން ވަނީ ބާސާއިން ކުރި ދެ ބިޑަށް ވެސް ފުރަގަސްދީފައެވެ. ކުޓީނިއޯ ވަނީ ލިވަޕޫލް ދޫކޮށް ދިޔުމަށް ބޭނުންވާތީ އެކްލަބުގައި އެދިފައެވެ.
ލިވަޕޫލްގެ މެނޭޖްމަންޓުން ވަނީ އޭނާއަކީ އެއްވެސް އަގަކަށް ވިއްކޭނެ ކުޅުންތެރިއެއް ނޫންކަން ހާމަކޮށްފައެވެ. ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ބުނެފައި ވަނީ ކުޓީނިއޯ ވިއްކާލަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް ކްލޮޕް ބުނީ ކުޓީނިއޯ ވިއްކާލުމުގެ ހުރިހާ ބާރެއް އޮތީ ކްލަބުގެ މެނޭޖްމަންޓުގެ އަތުގައި ކަމަށެވެ.
ކުޓީނިއޯ ވަނީ މިއަހަރުގެ ޖެނުއަރީ މަހު ލިވަޕޫލްއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.
އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.