Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 21:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރައީސް ޔާމީން
ހަރާމް ހުކުމެއް ކުރި ކަމަށް ވިދާޅުވި މުއިއްޒު އެ ފަނޑިޔާރުންނަށް ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ ޔާމީން ސުވާލު ކުރައްވައިފި
މައްސަލައިގަ ގޯސް ހެދި އެއް ފަނޑިޔާރު އެއުޅެނީ މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހަމަ ވަރަށް ފެންވަރު ރަނގަޅު ގެއެއް ގަނެގެން ކަމަށް ޔާމީން ވިދާޅުވި
ޚަބަރުގެ އޯޑިއޯ

ރައީސް ޔާމީނަށް ކުރީ ހަރާމް ހުކުމެއް ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެ ހަރާން ހުކުމް ކުރި ފަނޑިޔާރުންނަށް ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ޕާޓީ – ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ހުކުމް ކުރެއްވި އެއް ފަނޑިޔާރަކު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އުޅުއްވަނީ ގެއެއް "ގަނެގެން" ކަމުގައެވެ. އެއީ އެމަނިކުފާނަށް މަނީ ލޯންޑަރިންގެ ހުކުމް ކުރެއްވި ފަނޑިޔާރު ކަމަށް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑަށް އެނގޭ ގޮތުން ވެއްޖެއްޔާ އަޅުގަނޑުގެ މައްސަލައިގަ ގޯސް ހެދި އެއް ފަނޑިޔާރު އެއުޅެނީ މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހަމަ ވަރަށް ފެންވަރު ރަނގަޅު ގެއެއް ގަނެގެން އެތާނގަ އެއުޅެނީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އެ ފަނޑިޔާރު އެމަނިކުފާނަށް މަނީ ލޯންޑަރިންގެ ހުކުމް ކުރި އިރު އޭނާ އެ އުޅުއްވަނީ ފަނޑިޔާރެއްގެ މުސާރައިގަތޯ ސުވާލު ކުރައްވާފައެވެ.

Advertisement

"އޭނާ އެކުރަނީ ކީއްތޯ؟ ފަނޑިޔާރެއްގެ މުސާރައިގަތޯ އެއުޅުއްވަނީ،" ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ޔާމީން ފާހަގަ ކުރެއްވި ގޮތުގައި މުއިއްޒު ވިދާޅުވި "ހަރާމް ހުކުމް" ކުރެއްވި ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅުއްވި ނަމަވެސް، ސަރުކާރާއި މަޖިލިހާއި ހުރިހާ ބާރުތަކެއް ޑރ. މުއިއްޒުގެ އަތްޕުޅުގައި މިއަދު އެބައޮތެވެ.

ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ސިޔާސީ ހަރާމް ހުކުމެއް ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް