Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 19:04
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގައުމިއްޔަތު މިނިސްޓްރީގެ ޕެޓިޝަން
ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ: މިނިސްޓަރު
އެކްޓިން ޕީއެސްއާ ގުޅޭގޮތުން ސުވާލުކޮށްފައިނުވޭ، ނަމަވެސް މިނިސްޓަރު ވިދާޅުވީ ވަކި މީހަކަށް ސުވާލު އަމާޒު ކުރެއްވި ކަމަށް
80 މުވައްޒަފުން ބަލަހައްޓާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެމިނިސްޓްރީގައި މަސައްކަތް ކުރަމުންދަނީ ޖުމްލަ 31 މުވައްޒަފުން
މިނިސްޓަރަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ބެލުމަށް މަސައްކަތް ކުރި އެއްބާރުލުން ނުލިބޭ ކަމަށް މުވައްޒަފުން ބުނޭ

ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޓިޝަންއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމައްސަލަ ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށާއި، ޕެޓިޝަންގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނޫސްވެރިޔާގެ ސުވާލުވަކި މީހަކަށް އަމާޒު ކުރެވި ކަމަށް މިނިސްޓަރު ތުހުމަތު ކުރައްވައި ވިދާޅުވީ އެކްޓިން ޕީއެސް އާތިކާ އިބްރާހިމްއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި، 80 މުވައްޒަފުން ބަލަހައްޓާ ކަމަށެވެ. ނަމަވެސް ނޫސްވެރިޔާ އެކްޓިން ޕީއެސްއާ ގުޅޭގޮތުން ސުވާލުކޮށްފައިނުވެއެވެ. އަދި ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރަމުންދަނީ ސިވިލް ސަރވިސްގެ 31 މުވައްޒަފުންނެވެ.

Advertisement

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، މިނިސްޓްރީގެ މަސައްކަތްތައް 24 ގަޑިއިރު ހިނގާ ކަމަށެވެ.

ޕެޓިޝަން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާތީ ދެން އިތުރަށް ބަހެއް ހޯދަން ޖެހޭނީ އެކޮމިޝަންގެ ފަރާތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީއަށް ރަސްމީކޮށް ތިކަން އެނގިފައި ނުވޭ. އަޅުގަނޑާ ހަމައަށް ތިކަމާބެހޭ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތް. ދެވަނައަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވުޒާރާ ވަރަށް ބުރަ ކޮށް މަސައްކަތް ކުރާ ވުޒާރާއެއް. 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށް މިހާރު އޮތީ. އެހެންވީމަ މިމަސައްކަތުގައި ވަރަށް އަވަދިނެތި ވަރަށް ބުރަކޮށް ވަރަށް ޒިންމާދާރުކޮށް މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއް އެބަތިބި. ގާތްގަނޑަކަށް މިހާރު ހުންނެވި އެކްޓިން ޕީއެސްގެ ބެއްލެވުމުގެ ދަށުގައި ވެސް 80 ވަރަކަށް މުވައްޒަފުން އެބަ ހިމެނޭ. އެއަށް ވުރެ ގިނަ ވާނީ.
މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް

ޕެޓިޝަންގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ޕެޓިޝަން ހުށަހެޅި މުވައްޒަފުން ބުނެފައިވަނީ މިނިސްޓަރަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ބެލުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް އެއްބާރުލުމެއް މިނިސްޓަރުގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ބުނެ، އެމިނިސްޓްރީގެ 22 މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް 11 ސެޕްޓެންބަރު 2024 ވީ ބުދަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް