އިނގިރޭސި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓު ބަންދުކުރުމަށް ކްލަބަތަކުން މަޝްވަރާކުރަން ފަށައިފިއެވެ.
އިނގިރޭސި މީޑިއާއިން ރިޕޯޓު ކުރާ ގޮތުން ޓީމުތަކުން މިގޮތަށް ނިންމަން ވޯޓު ލާނީ އަންނަ ސެޕްޓެމްބަރު މަހު 7 ގައި ބޭއްވޭ ޓީމުތަކުގެ ޝެއާހޯލްޑަރުންގެ ބައްދަލުވުމުގައެވެ. ގިނަ އަދެދެއްގެ ޓީމުތަކުން މި ނިންމުމާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވެއެވެ.
މިގޮތަށް ޓްރާންސްފާ މާކެޓު ބަދަލުކުރުމަށް ޕްރިމިއާ ލީގުގައި ކުޅޭ 20 ޓީމުގެ ތެރެއިން 14 ޓީމުން އެއްބަސްވާން ޖެހޭނެއެވެ. މި ނިންމުން ފާސްވެއްޖެ ނަމަ ޓީމުތަކުން މިގޮތަށް އަމަލު ކުރަން ފަށާނީ 2018/2019 ސީޒަނުން ފެށިގެންނެވެ.
މިގޮތަށް ޓްރާންސްފާ މާކެޓު ބަދަލުކުރުމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަދި ސްވަންސީގެ ކޯޗު ޕައުލް ކްލެމެންޓް ވަނީ ތާއިދުކޮށްފައެވެ.
މިހާރު ޓްރާންސްފާ މާކެޓު އޮންނަ ގޮތުން އޮގަސްޓް 31 ވަނަ ދުވަހާ ހަމަޔަށް ޓީމުތަކަށް ކުޅުންތެރިން ސޮއިކުރެވެއެވެ. އެހެންކަމުން ޓީމުތަކުން ކުޅުންތެރިން ސީޒަނުގެ ކުރީކޮޅުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ސޮއިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެހެން ނަމަވެސް މި ނިންމުން ފާސްވެއްޖެ ނަމަ ޓީމުތަކުން ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނައިރު ޓްރާންސްފާގެ ހުރިހާ ކަމެއް ހުންނަން ޖެހޭނީ ނިމިފައެވެ.
މިގޮތަށް ނިންމުން ފާސްވި ކަމުގައި ވިޔަސް ޕްރިމިއާ ލީގުގެ ޓީމުތަކަށް ކުޅުންތެރިން އެހެން ގައުމުތަކުގެ ޓީމުތަކަށް ވިއްކޭނެއެވެ. މި ނިންމުމުގެ ސަބަބުން ޖެނުއަރީގެ ޓްރާންސްފާ މާކެޓަށް އެއްވެސް ބަދަލެއް ނާންނާނެވެ.
ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ އަގު ބޮޑު ލީގެވެ.