މި އަންނަ ހަފްތާގައި ނެރޭ އޭޓީޕީ ވޯލްޑް ރޭންކިންގެ އެއްވަނަ ސްޕެއިންގެ ރަފައޭލް ނަދާލްއަށް ކަށަވަރު ވެއްޖެއެވެ.
އޭނާއަށް މި މަގާމު ކަށަވަރުވެފައި ވަނީ މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ސިންސިނާޓީ އޯޕެންގައި ވާދަނުކުރުމަށް ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ނިންމުމާ ގުޅިގެންނެވެ. އޭގެ އިތުރުން މިހާރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް އިނގިރޭސިވިލާތުގެ އެންޑީ މުރޭއަށް އަނިޔާގެ ސަބަބުން މި އަހަރު އެއްވެސް މުބާރާތެއްގައި ވާދަ ނުކުރޭވެނެތީއެވެ.
ފެޑެރާ ސިންސިނާޓީ އޯޕެންގައި ވާދަ ކުރިނަމަ ރޭންކިންގެ އެއްވަނަ ލިބޭނީ އެ މުބާރާތް ކާމިޔާބު ކުރާ ކުޅުންތެރިޔަކަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ކެނެޑާ އޯޕެންގެ ފައިނަލްގައި ބުރަކަށްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މުބާރާތުގައި ނުކުޅެން ނިންމާފައެވެ.
މިއީ 2014 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ނަދާލްއަށް ރޭންކިންގެ އެއްވަނަ ލިބޭ ފުރަތަމަ ފަހަރެވެ. އެތަކެއް އަނިޔާތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު އެއްވަނަ އަލުން އަނބުރާ ލިބޭތީ ވަރަށް އުފާވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ މަގާމު ދިފާއު ކުރުމަށް ސީޒަނުގެ ބާކީ ހުރި މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނެކަމަށް އޭނާ ބުނެފައިވެއެވެ.
ނަދާލްވަނީ އޭޓީޕީ ވޯލްޑް ޓުއާގެ ހަތަރު މުބާރާތް މިއަހަރު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި ގްރޭންޑް ސްލޭމްއެއް ކަމަށްވާ ރޯލަންޑް ގެރޮސް ވެސް ހިމެނެއެވެ. އަދި މި ސީޒަނުގައި އެންމެ ގިނަ މުބާރާތްތަކުގެ ފައިނަލްގައި ވެސް ވާދަ ކޮށްފައި ވަނީ އޭނާއެވެ.
ނަދާލްވަނީ މީގެ ކުރިން 141 ހަފްތާގައި އޭޓީޕީ ވޯލްޑް ރޭންކިންގެ އެއްވަނަ ދަމަހައްޓާފައެވެ.