Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 15:15
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ސިއްހީ ޚިދުމަތްދޭ ތަންތަނަށް އިންޒާރު
ރަޖިސްޓްރީ ނުކޮށް ސިއްހީ ޚިދުމަތްދޭ ކަމަށްވާނަމަ ފިޔަވަޅުއަޅާނެ، އެއީ ވަކި ކްލިނިކެއް ހުއްޓުވުމަށް ކުރާ ކަމެއް ނޫން: މިނިސްޓްރީ
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ސިއްހީ ޚިދުމަތް ދޭ ތަންތަން ހުއްޓުވާނެ
މި މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ
ގަވާއިދާ ހިލާފަށް ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް

ރަޖިސްޓްރީ ނުކޮށް ސިއްހީ ޚިދުމަތްދޭ ކަމަށްވާނަމަ ފިޔަވަޅު އަޅައި ހުއްޓުވާނެ ކަމަށާއި، އެއީ ވަކި މީހަކު ހިންގާ ކްލިނިކެއް ހުއްޓުވުމަށް ކުރާ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ހެލްތް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ގަވާއިދާ ހިލާފަށް ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ.

Advertisement

މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަނަށް ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އަންގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ބައެއް ސިއްހީ ޚިދުމަތްދޭ ކްލިނިކުތަކުން މިނިސްޓްރީގެ އެންގުމަށް ބޯނުލަބައި އެތަންތަނުން ޚިދުމަތް ދެމުންދިޔަ ކަމަށެވެ. އެހެންކަމުން ހެލްތް މިނިސްޓްރީން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ސިއްހީ ޚިދުމަތް ދޭ ތަންތަން ހުއްޓުވާނެ ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރަޖިސްޓްރީ ނުކޮށް ސިއްހީ ޚިދުމަތްދޭ ގިނަ ތަންތަނަށް މިނިސްޓްރީން އެންގި. ގިނަ ކްލިނިކުތަކުން މިނިސްޓްރީގެ އެންގުމަށް ތަބާވި. އެކަމަކު ފާހަގަވޭ އެއް ކުލިނިކަކުން މިނިސްޓްރީގެ އެންގުމަށް އިހުތިރާމް ކުރުމެއް ނެތި، ރަޖިސްޓްރީ ވެސް ނުކޮށް، ޚިދުމަތް ދެމުން ގެންދިޔައީ. މިއީ އަސްލު އާއްމު ރައްޔިތުންނަށް ސިއްހީ ގޮތުން ޚިދުމަތް ދޭ ތަނަކަށްވާއިރު، ގިނަ ބަޔަކު ނުރައްކަލަކަށް ހުށަހެޅޭ ކަމެއް. އެހެންވީމަ އެފުރުސަތު ނުދޭންވެގެން ފިޔަވަޅު އެޅީ. އެއީ ވަކި މީހެއްގެ ކްލިނިކު ހުއްޓުވާކަށް ހެލްތް މިނިސްޓްރީން ކުރާ ކަމެއް ނޫން. ކޮންމެ މީހަކަށް ވެސް ގާނޫނާއި އުސޫލު އޮންނާނީ އެއްހަމައަކަށް އެގޮތަށް. ވަކި މީހަކަށް އެބަދަލެއް ނުވާނެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލެއް

ހެލްތް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އެއްވެސް ބާވަތެއްގެ ސިއްހީ ޚިދުމަތެއް ދޭންވާނީ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ 11، 12، އަދި 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ސިއްހީ ޚިދުމަތްދޭ ތަންތަން ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްހީ ޚިދުމަތް ދޭ ތަން ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.

އެހެންކަމުން އެއްވެސް ބާވަތެއްގެ ސިއްހީ ޚިދުމަތެއް ރާއްޖޭގައި ދޭންވާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްފަހު ކަމަށެވެ. އަދި މި ގާނޫނާއި ހިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާގެ ޚިދުމަތް ދިވެހި ބޭހުގެ ޚިދުމަތާއި ހިޖާމާގެ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ޚިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީ މިފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓްރީގެ މިއެންގުމާއެކު މިއީ 'ފަޒީސް ހިޖާމާ ތެރަޕީ'ގެ ހުއްޓުވާލުމަށް ކުރާ ކަމެއް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
13 ސެޕްޓެންބަރ 2024 | ހުކުރު 13:39
ކަތްދަގެ ހަސީނާ
ހިޖާމާ އޭ ކިޔައިގެންވެސް ވަރަށް ގަނޑު ގަންނަ ކަމަށްވޭ. ސިހުރު ހާހޫރަ ގަދަޔަށް ހިންގާ. އެކަންކުރާ މީހުންގެ އަމިއްލަ ފައިދާއަށް އާއިލާގެ މީހުން އެކަކު އަނެކާޔާ ޖައްސުވާ މުޅި އާއިލާ ފިތުނައެއްގެ ތެރެއަށް ވައްޓާލާ.