ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 15:04
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންތަކެއް އުޅަނދަށް އަރުވަނީ
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންތަކެއް އުޅަނދަށް އަރުވަނީ
އިމިގްރޭޝަން
ބިދޭސީންގެ މައްސަލަ
ބިދޭސީން ދިރިއުޅޭ ތަންތަނަށް އިމިގްރޭޝަނުން ވަންނަނީ
މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި
މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަންތައް ބަލާ ފާސަކުރުމަށް ހަމަޖެހިފައިވޭ
ޚަބަރުގެ އޯޑިއޯ

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، އާންމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ބުދަ ދުވަހު މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން، ބުދަ ދުވަހު މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް މިހާތަނަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ފަށާފައިވާ މި އޮޕަރޭޝަނުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފަވާއިރު، އެފަދަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައިވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ.

މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަންތައް ބަލާ ފާސަކުރުމަށް ހަމަޖެހިފައިވާ މި އޮަޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ޤަވައިދާ ޚިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ، އިމިގްރޭޝަނާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން އަންނަނީ އެފަދަ ތަންތަން ބަލާ ފާސްކުރަމުންނެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރިކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެފައިވެއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެކަމޮޑޭޝަން ހަމަޖައްސައިދޭ ފަރާތްތައް ވެސް ޖުރިމަނާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

- ކޮމެންޓް