"މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ" މިމަހުގެ 17 އިން 19 އަށް ބާއްވަން ނިންމައިފިއެވެ.
އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (ލެކްސް)އާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދަމުންދާ ތަޢުލީމީ ފެއަރ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ" މިއަހަރު ވެސް އޮންނާނީ ދަރުބާރު ގޭގައެވެ.
މި ފެއާއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބެން ހުންނަ ތަޢުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ހުރިހާ ދާއިރާއަކަށް އަމާޒުކުރެވޭނެއެެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީނުތަކުގެ މަޢުލޫމާތު ދިވެހީންނަށް ފޯރުކޮށްދިނުމަށް ހުޅުވާލެވޭ މިފަދަ ދެވަނަ ތަޢުލީމީ ފެއަރއެވެ.
ފަސްދޮޅަހަށް ވުރެން ގިނަ އިންސްޓިޓިއުޓްތަކާ އެކު، މިއަހަރު ވެސް ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި ރައްޖޭގެ އިންސްޓިޓިއުޓްތަކުން ބައިވެރި ވެއެވެ. ރާއްޖޭގެ ގިނަ ތަޢުލީމީ ކޮލެޖް އިންސްޓިޓިއުޓްތަކާ އެކު ރާއްޖޭން ބޭރުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ އަދި ޔޫކޭ ފަދަ ހިސާބުތަކުން ތަޢުލީމީ ފުރުސަތު ހުޅުވާލެއްވުމަށް ތަފާތު ދާއިރާތަކުގެ ޔުނިވާރސިޓީތަކުން ބައިވެރިވެފައި ވެއެވެ.
މި ފެއާ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ" ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާބޭފުޅުންނަށް ވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް މިފެއަރގެ ޒަރީއާއިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި ފެއާގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.