ނޭޕާލްގައި ފަށާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ލަންކާގައި ކޭމްޕްކުރަމުންދާ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ސްރީލަންކާގެ 16 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ ރަހްމަތްތެރިކަމުގެ މެޗުވެސް ކާމިޔާބުކޮށްފި އެވެ.
ހޯމަ ދުވަހު ކުޅުނު މެޗުން ލަންކާއާ ވާދަކޮށް ރާއްޖެއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖެއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް މިމްރާހް އަދި އަހުމަދު ސަމާހު އެވެ.
ބީޖީ އަދި ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން 16 އަހަރުން ދަށުގެ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު، އެޓީމު ވަނީ ކުޅުނު ފުރަތަމަ ރަހްމަތްތެރިކަމުގެ މެޗު ހުކުރު ދުވަހު ލަންކާއާ ވާދަކޮށް ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މަހު 18 އިން 27 ގެ ނިޔަލަށް ނޭޕާލްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލް އަދި އިންޑިއާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ލަންކާ، ބަންގްލަދޭޝް އަދި ބޫޓާން އެވެ.
މި މުބާރާތަށް ފަހު ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ދެން ވާދަ ކުރާނީ ސެޕްޓެމްބަރު 16 އިން 29 ގައި ތަޖިކިސްތާންގައި އޮންނަ އޭއެފްސީ 16 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ތަޖިކިސްތާން، ސީރިއާ އަދި ތުރުކަމިނިސްތާނާއެކު ގްރޫޕް ބީގައެވެ.