Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 19:06
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒަށް ފާޑު ވިދާޅުވުން
ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީތަކުގެ އެކުވެރިއެއް: މެންބަރު ޒިޔާދު
ރާއްޖޭގައި ކަންކަން ހިނގާ މަގު ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ
ނަމަވެސް ސިޔާސީ ޕާޓީތަކުގެ ނިޒާމެއްގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާނެ
މި ސަރުކާރާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތައް ލިބޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ޕާޓީތަކުގެ އެކުވެރިޔާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރުގެ ވަޒީރުންނަށް އެމަނިކުފާނުގެ އިތުބާރު ނެތްކަން ހާމަވަމުންދާ ކަމަށެވެ. ނަމަވެސް ހާލަތުގެ ގޮތުން މަގާމުން ދުރު ކުރެވެން ވެސް ނެތް ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ނަތީޖާއެއް ގޮތުން ރާއްޖޭގައި ކަންކަން ހިނގާ މަގު ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ނިޒާމެއްގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement

މިސަރުކާރާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތައް ލިބޭކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ އަރިހުގައި ހެޔޮ ނަސޭހަތެއް ދޭނެ މީހަކު ނެތް ކަމަށާއި، ކުޑަތުއްތު ދީދީގެ މޮހަރަށް ވީހެންވަމުންދާ ކަމަށެވެ. އަދި މޮހަރު ޖެހުނު ތަނަކަށް ޖަހަމުންދާ ކަމަށާއި، ޖަހަން މަސައްކަތް ކުރާ މިސްރާބަަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒަށް ތައުރީފް ކުރުމަށް ވެސް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މިއަދު އެމަނިކުފާނަކީ މަލްޓިޕާޓީ ނިޒާމުގެ ލާމަސީލު ދިރިހުރި ރަމްޒެއް ކަމަށާއި، ކޮންމެ މަގާމަކަށް ވަޑައިގެންނެވީ އައު ޕާޓީއަކާއެކު ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސްއަކީ ޕާޓީތަކުގެ އެކުވެރިއެއް ކަމަށެވެ.

ރައީސްއަށް ތައުރީފު ކުރަން ވަރަށް ބައިވަރު ކަންކަން އެބަހުރި. މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ މަލްޓިޕާޓީ ނިޒާމުގެ ލާމަސީލު ދިރިހުރި ރަމްޒެއް. އެއްވެސް މަގާމަކަށް ވަޑައިނުގަންނަވާނެ އައު ޕާޓީއަކާއެކު ނޫނިއްޔާ. ފުރަތަމަ ފެއްޓެވީ އަދާލަތުން. ނޫނީ ގައުމީ އިއްތިހާދުން. އޭގެފަހުން އެމްޑީއޭ އިން ދެން އައިސްފައި ވަޒީރު ކަމަށް ޕީޕީއެމުން މޭޔަރު ކަމަށް. ޕީއެންސީ ރައީސުލްޖުމްހޫރިއްޔާ ކަމަށް. އަނެހެން ބުނަންޏާ ކުރުކޮށްލާފައި ބުނަންޏާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީތަކުގެ އެކުވެރިޔާ. ހުރިހާ ޕާޓީއެއްގައި އުޅުއްވައިފި. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ މިކަންކަން ދަންނާނެ.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒަކީ އާއްމުކޮށް ދޮގު ހައްދަވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމުން މިއަދު އެމަނިކުފާނު ތެދުފުޅެއް ހެއްދެވި ނަމަވެސް އެއީ ތެދެއްކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް މުޅި ސަރުކާރު ތެދުވެ އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް