ޔޫޓިއުބުން ފުރާވަރު ކުދިން ފިޓްނަސް ވީޑިއޯ ބެލުން ކޮންޓްރޯލް ކުރަނީ
6 ސެޕްޓެންބަރ 2024 | ހުކުރު 22:06
ޔޫޓިއުބް
ޔޫޓިއުބް
ޝަޓާ ސްޓޮކް

ޔޫޓިއުބުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ސިއްޙަތާއި ފިޓްނަސްއާ ގުޅޭ ބައެއް ވީޑިއޯތައް ބެލޭނެ މިންވަރު މަދުކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ. މީގެ ތެރޭގައި ވަކި ގޮތަކަށް ހަށިގަނޑު "އައިޑިއަލައިޒް" ކުރާ ވީޑިއޯތައް ހިމެނެއެވެ.

ޔޫޓިއުބުން ބުނާ ގޮތުގައި މި އުމުރުފުރާގެ ކުދިންނަށް ފިޓްނަސްއާ ގުޅޭ ކޮންޓެންޓް ސާރޗްކޮށް ބެލުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެފަދަ ވީޑިއޯތައް ތަކުރާރުކޮށް ބެލުމަށް އޮންނަ ފުރުސަތު ބަންދުވާނެ ކަމަށް ބުނެފައިވެއެވެ.

ޔޫޓިއުބުން މިފަދަ ފިޔަވަޅެއް އަޅަން ނިންމި ކަމަށް ބުނީ، މިފަދަ ކޮންޓެންޓް ތަކުރާރުކޮށް ބެލުމުން ޒުވާނުންގެ ހިތުގައި އަމިއްލަ ނަފްސާ މެދު "ނެގެޓިވް ވިސްނުންތަކެއް" އުފެދިދާނެކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން ކަމަށެވެ.

މާހިރުން ޔޫޓިއުބްގެ މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، މިއާއެކު ޒުވާނުންގެ ސިއްޙަތާއި ފިޓްނަސްއާ ގުޅޭގޮތުން "ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން" ޖެހޭކަމަށް ބުނެފައިވެއެވެ.

އާންމު ގޮތެއްގައި ޔޫޓިއުބުގެ އެލްގޮރިދަމުން، އެއް ވީޑިއޯއެއް ނިމުމުން އެއާ ގުޅުންހުރި އިތުރު ވީޑިއޯތައް ރެކޮމެންޑްކުރެއެވެ. އަދި ސައިޑް ބާގައިވެސް ގުޅުންހުރި ވީޑިއޯތައް ފެންނަ ގޮތައް ހުރެއެވެ.

ނަމަވެސް މިހާރު ޓީނޭޖް ކުދިން ވަކި ބާވަތްތަކެއްގެ ވީޑިއޯ ޔޫޓިއުބުން ބަލާއިރު މިފީޗަރ ނުހިމެނޭނެ ކަމަށް ޔޫޓިއުބުން ބުނެއެވެ. ކޮންޓްރޯލް ކުރާ ބާވަތްތަކުގެ ވީޑިއޯގެ ތެރޭގައި ހަށިގަނޑުގެ ސިފަތައް އަޅާކިޔައި، ވަކި ސިފަތަކެއް އައިޑިއަލައިޒްކުރާ ވީޑިއޯ އާއި ވަކި ފިޓްނަސް ލެވެލްތަކެއް ނުވަތަ ހަށިގަނޑުގެ ބަރުދަން އައިޑިއަލައިޒްކުރާ ވީޑިއޯތައް ހިމެނެއެވެ.

ޔޫޓިއުބުން ބުނާ ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ، އެ ޕްލެޓްފޯމުގެ "ޔޫތު އެންޑް ފެމިލީސް އެޑްވައިޒަރީ ކޮމިޓީން" ފާހަގަކުރި ގޮތުގައި "އޮންލައިންކޮށް ބަލާ ކޮންޓެންޓްގައި އައިޑިއަލް މިންގަނޑުތަކާ ބެހޭ މެސެޖުތައް ތަކުރާރުކޮށް ފެނުމުން، ބޮޑެތި މީހުންނާ އަޅާބަލާއިރު ޓީނޭޖަރުންނަށް އަމިއްލަ ނަފްސާ މެދު ނެގެޓިވް ވިސްނުންތަކެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލު ކުރެވޭތީއެވެ.

ނަމަވެސް މި ހަނިކުރުންތައް ތަންފީޒުކުރެވޭނީ ޔޫޓިއުބު އެކައުންޓަކަށް ލޮގިންވާ ޔޫޒަރުންނަށް އެކަންޏެވެ. އަދި އެކައުންޓް އުފެއްދުމުގައި ސައްހަ އުފަންދުވަހުގެ ތާރީޚް ހިމަނާފައިވާނަމެވެ. ޔޫޓިއުބަކަށް އުފަން ދުވަސް ވެރިފައި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށްވެއެވެ.

ޔޫޓިއުބުން ވަނީ ބެލެނިވެރިންނަށް ޔޫޓިއުބްގައި އެމީހުންގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ޙަރަކާތްތައް ހުންނަ ގޮތް ބެލެހެއްޓުމަށް އައު ގޮތްތަކެއް ތަޢާރަފުކޮށްފައެވެ. މިގޮތުން ބެލެނިވެރިންގެ އެކައުންޓާއި ކުދިންގެ އެކައުންޓް ގުޅުވާލެވޭނެއެވެ. މިހެން ހެދުމުން އެކުދިންގެ އަޕްލޯޑްތަކާއި، ސަބްސްކްރައިބް ކޮށްފައިވާ ޗެނަލްތަކާއި، ކޮމެންޓްތައް ބެލެނިވެރިންނަށް ފެންނާނެއެވެ. އަދި އެކުދިން ވީޑިއޯ އަޕްލޯޑް ކުރުމުން ނުވަތަ ލައިވްސްޓްރީމް ފެށުމުން ބެލެނިވެރިޔާ އަށް އީމެއިލެއް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް