ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 14:40
މިޗެލް ބާނިއޭ (ކަނާތްފަރާތް) ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމުގެ ޚަބަރު ފެތުރުނީ ބުދަ ދުވަހު - މިހާރު އޭނާ ވަނީ ގެބްރިއެލް އަޓަލް (ވާތްފަރާތް) ގެ ބަދަލުގައި އެ މަޤާމަށް ހޮވިފައި
މިޗެލް ބާނިއޭ (ކަނާތްފަރާތް) ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމުގެ ޚަބަރު ފެތުރުނީ ބުދަ ދުވަހު - މިހާރު އޭނާ ވަނީ ގެބްރިއެލް އަޓަލް (ވާތްފަރާތް) ގެ ބަދަލުގައި އެ މަޤާމަށް ހޮވިފައި
އޭއެފްޕީ
ފްރާންސްގެ އައު ބޮޑުވަޒީރު
ފްރާންސްގެ ބޮޑުވަޒީރު ކަމަށް މިޗެލް ބާނިއޭ
އެތައް ދުވަހެއްގެ މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު ކަމަށް ހަމަޖެހުނު ބާނިއޭގެ އެންމެ އިސް މަސައްކަތްޕުޅަކަށް ވާނީ ތިން ގްރޫޕަކަށް ބެހިފައިވާ ފަރަންސޭސި ގާނޫނު ހަދާ މަޖިލިސް، ނެޝަނަލް އެސެމްބްލީގެ ތާއީދު ލިބޭނެ ކެބިނެޓެއް އެކުލަލާލެއްވުމެވެ.
ޚަބަރުގެ އޯޑިއޯ

ފްރާންސްގެ ބޮޑުވަޒީރުކަމާ މިޗެލް ބާނިއޭ ހަވާލުވެވަޑައިގެންފިއެވެ.

ބޮޑުވަޒީރު ކަމަށް ބޭފުޅަކު މި ހަމަޖެހުނީ ފްރާންސްގައި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ބޭއްވި ކުއްލި އާންމު އިންތިޚާބު ނިމުނުތާ ގާތްގަނޑަކަށް ދެމަސް ފަހުންނެވެ.

ރައީސް އެމެނުއެލް މެކްރޮން، ޔޫރަޕިއަން ޔޫނިއަންގެ ބްރެކްސިޓް މަޝްވަރާތަކުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރެއްވި މިޗެލް ބާނިއޭ ބޮޑު ވަޒީރު ކަމަށް ޢައްޔަންކުރެއްވީ ސިޔާސީ ޕާޓީތަކާއި ބޮޑުވަޒީރު ކަމުގެ މަގާމަށް ހުށަހަޅާފައިވާ އެހެން ކެންޑިޑޭޓުންނާއެކު ހަފްތާތަކެއް ވަންދެން މަޝްވަރާކުރުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.  

އުމުރުން 73 އަހަރުގެ ބާނިއޭ، ބުރާސްފަތި ދުވަހުގެ ހަވީރު ޕެރިހުގެ ހޮޓެލް މަޓިނޮން ގައި ހުންނަ ރައީސްގެ ރަސްމީ ގަނޑުވަރު ގައި މެކްރޮން އާ ބައްދަލު ކުރައްވާ މަގާމާ ވަނީ ހަވާލުވެވަޑަގެންފައެވެ.

ބާނިއޭގެ އެންމެ އިސް މަސައްކަތްޕުޅަކަށް ވާނީ ތިން ގްރޫޕަކަށް ބެހިފައިވާ ފަރަންސޭސި ގާނޫނު ހަދާ މަޖިލިސް، ނެޝަނަލް އެސެމްބްލީގެ ތާއީދު ލިބޭނެ ކެބިނެޓެއް އެކުލަލާލެއްވުމެވެ. ގާނޫނު ހަދާ މަޖިލީހުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތެއް ނެތެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބާނިއޭ ވިދާޅުވީ، ފަރަންސޭސި ރައްޔިތުންނަށް އޭނާ ތެދުބަހުން ވާހަކަ ދައްކަވާނެ ކަމަށާއި ގައުމަށް ކުރިމަތިވެފައިވާ މާލީ، އަދި ތިމާވެށީގެ ގޮންޖެހުންތަކުގެ ހަގީގަތްތައް ތެދު ބަހުން ވިދާޅުވެ ދެއްވާނެ ކަމަށެވެ. އަދި ތެދު ނިޔަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ގައުމުގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

2016 ން 2019 އާ ދެމެދު ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމާ ގުޅޭ ދިގު މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ބާނިއޭ ވަނީ އިސް ދައުރެއް އަދާކުރައްވާ ސިޔާސީ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ. އޭނާއަކީ ފްރާންސްގެ ސިޔާސީ މައިދާނުގަ އާއި ޔޫރަޕިއަން ޔޫނިއަންގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނާތުފިޔައިގެ ރިޕަބްލިކަން (އެލްއާރު) ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ބާނިއޭ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާއެކު އޭނާ ވެގެން މި ދިޔައީ 1958 ގައި ފަރަންސޭސި ވިލާތުގައި އުފަންވި ފަސްވަނަ ޖުމްހޫރިއްޔާގެ އެންމެ އުމުރުން ދުވަސްވީ ބޮޑުވަޒީރަށެވެ.

މީގެ ތިން އަހަރު ކުރިން، އޭނާ ވަނީ ރައީސް މެކްރޯންއާ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ފްރާންސްގެ ރައީސްކަން ހޯއްދަވަން އޭނާގެ ޕާޓީގެ ކެންޑިޑޭޓަކަށް ވުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް