Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 13:14
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ- ޝިރުކުކުރުމުން ދުރުހެލިވުން
ގުރުއާނާއި ރަސޫލާގެ ހަދީސްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް، ސަމާލުވޭ: ޚުތުބާ
އަހަރެމެންނަށް ނޭނގި ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ
ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަން ކުރުން ނޫން
ހެޔޮ އަމަލު ކުރުމުގެ ނަމުގައި ވިޔާނުދާ އަމަލުތަކަށް އަރައިނުގަނޭ

ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ޝިރުކުކުރުމުން ދުރުހެލިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ ހައްދަވައިފައިވާ މަޚުލޫގުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި މާތް ﷲ އަށް ޝަރީކު ކުރުން ކަމަށާއި، ނުވަތަ އެކަލާނގެއާ، އެކަލާނގެ މަޚުލޫގުންނާ ހަމަހަމަކުރުމެވެ.

Advertisement

އެކި ގޮތްގޮތުން ﷲ އާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދުނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއް ބަޔަކު ޝަރީކުކުރަނީ އެބައިމީހުންނާއި އެކަލާނގެއާ ދެމެދު ގުޅުންބެހެއްޓުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، އަނެއް ބަޔަކު އެކަލާނގެއަށް ޝަރީކުކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަޚްލޫގުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކަކާއި ކުޅަދާނަކަމަކާއި، އިޚުތިޔާރުތަކެއް، ލިބިގެންވާ ފަރާތްތަކެއްކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީސްފުޅުތަކުގެ މައްޗަށް ބުރަވެ އިލްމުވެރީން އެއްބަސްވެ ވަޑައިގެންފައިވަނީ، ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއް ފުރިހަމަވާން ޖެހޭކަމަށެވެ. އެ ދެ ޝަރުތު ފުރިހަމަ ނުވާކަމުގައި ވަނީ ނަމަ އެ އަމަލެއް ގަބޫލު ނުކުރެއްވޭނެ ކަމަށާއި، ފުރަތަމަ ޝަރުތަކީ، ނިޔަތް الله سبحانه وتعالىއަށް ޚާލިސްކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދެވަނަ ޝަރުތަކީ، އެ ކަމަކީ ޝަރުއީ ދަލީލަކުން ސާބިތުވާ ކަމަކަށްވުމެވެ. މީހަކު ކުރާ އަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ އަމަލެއް الله سبحانه وتعالى ގަބޫލުނުކުރައްވާނެއެވެ.

މި ހުރިހައި ކަމަކީ ވެސް އެބައިމީހުން ކުރާ ދޮގު ދަޢުވާތަކެއްކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އެއުރެން الله ފިޔަވައި އަޅުކަން ކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއް ވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، الله ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާއަތްތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައި ވެސް އަދި ބިމުގައި ވެސް الله ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރު ދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ." މަރުވުމުގެކުރިން ތައުބާނުވާ ނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމަ އެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުމެވެ. މި ކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން الله، އެކަލާނގެއަށް ޝަރީކުކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللهއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަން ކުރުން ނޫން ކަމަށާއި، އެ ނޫން ވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫން ކަމަށެވެ. އަދި އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަންނަނިވި ޙަދީޘުން މި ކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ޢަދިއްޔު ބުން ޙާތިމުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަން ޞަލީބެއް އަޅައިގެން އަހުރެން ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ގެ އަރިހަށް އައީމެވެ. އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ! އަޅުކަންކުރުމަށް ބޭނުންކުރެވޭ ތިޔަ ޞަލީބު އެއްލައިލާށެވެ! އެއަށް ފަހު މި އާޔަތް އެކަލޭގެފާނު ކިޔަވައިވިދާޅުވިއެވެ. މާނައީ: "އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ ﷲ ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ." ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! މީސްތަކުން އެބައިމީހުންނަކަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރެއްވިއެވެ. "ރަނގަޅެވެ. އެހެންނަމަވެސް الله سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަންތައްތައް އެ މީހުން ޙަލާލުކޮށްދެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަލާލުކަމުގައި ބަލައިގަނެއެވެ. އަދި الله سبحانه وتعالى ޙަލާލު ކުރައްވައިފައިވާ ކަންތައްތައް، އެ މީހުން ޙަރާމްކުރެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަރާމުކަމުގައި ބަލައިގަނެއެވެ. ފަހެ، އެއީ އެ މީހުންނަށް އަޅުކަންކުރުމެވެ.
ހުކުރު ޚުތުބާ

ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ވަޑައިގަތީ ދުނިޔޭގައި ޝިރުކުގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާ ދުވަސްވަރެއްގައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިންސާނުން ދިޔައީ އެ މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމުގެ ބަދަލުގައި، އެ މީހުންގެ އަމިއްލަ އަތުން ކޮށައި މަށައިގެން ހަދައިފައިވާ ހިލަތަކަށާއި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރަމުން ކަމަށެވެ. އިންސާނުން އެންމެހައި މަޚްލޫގުންގެ މައްޗަށް މާތްކުރައްވައި ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށް ދެއްވި ސިކުނޑީގެ ބޭނުންކުރަމުން ދިޔައީ އެ ތަކެއްޗަށް ސިކުނޑި ދެއްވައިފައި ނުވާ، އެތައް ދަރަޖައެއް ދަށް، ޙައިވާނުންނެކޭ އެއްފަދައިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ الله سبحانه وتعالى ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާތިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ހައްގުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި الله سبحانه وتعالىއަށްކަން މީސްތަކުންނަށް އަންގަވައިދެއްވުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުން ކަންތައްކުރަންވާ ގޮތް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށާއި، މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކޮށްފައިވާ މިންވަރަށް ކަމަށެވެ. ކީރިތި ގުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ހެޔޮ އަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ އަމަލުތަކަށް އަރައިނުގަތުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް