އިދިކޮޅު ސިޔާސީ ލީޑަރުން ދައުލަތަށް ދަންކަންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ތަޙްގީގް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ހޯމަ ދުވަހުގެ ރޭ " ރުމާލު 2" ގެ ނަމުގައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަން ސަރުކާރުން އުފެއްދީ ވަކި މައްސަލަތަކެއް ބަލަން ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ގިނަ މައްސަލަތަކެއް ބަލާނެކަން ފާހަގަކުރަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނަން ދައުލަތަށް ފައިސާއެއް ދައްކަން އޮތްކަމަށްވާނަމަ އެފައިސާ ދެއްކުމަށް ގޮވާލާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަނުން ވަކި ބޭފުޅެއްގެ މައްސަލައެއް ނުބަލައި ދޫކޮށް ނުލާނެ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ ޓައިމްލައިނެއް އެންޓިކޮރަޕްޝަން ކޮމިޝަނަން ވެސް ހުށަހަޅާނެ ކަމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާން ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތްޕުޅަށް އިދިކޮޅު ލީޑަރުން އެއްބާރުލުން ދެއްވުމަށް ތަކުރާރުކޮށް ރައީސް ޔާމީން ގޮވާލެއްވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ބައެއް ސިޔާސީ ލީޑަރުން މަސައްކަތް ކުރާއިރު ދައުލަތަށް ދަންކަންޖެހޭ ފައިސާ ދެއްކުމަށް ހަދާން ކޮށްދޭ ކަމަށެވެ.