ރާއްޖޭގެ ޖުމްލަ ބޭރުގެ ރިޒާވް ބޮޑުތަނުން ދަށްވެ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 395.4 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ޝާއިއު ކުރި 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވާ ގޮތުން މިއީ މި އަހަރުގެ ޖޫން މަހު ހުރި 509.2 މިލިއަން އެމެރިކާ ޑޮލަރާއި 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ހުރި 594.1 މިލިއަން އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
މިއީ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތައިގެ ދަށްވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ މާރޗު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ މާރޗު މަހު ދިވެހިރާއްޖޭގެ ޖުމްލަ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) 20 އިންސައްތަ އިތުރުވެފައިވެއެވެ. މިގޮތުން އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 671.1 މިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.
އަނެއްކޮޅުން، ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 117.1 މިލިއަން ރުފިޔާ ވަނީ ދަށްވެފައިވެއެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 6 އިންސައްތަ ވަނީ އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ކެޕިޓަލް ޚަރަދުތައް 444.5 މިލިއަން ރުފިޔާއިން ދަށްވެފައި ވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އައި އެތައް ތަރައްގީގެ މަޝްރޫއެއް ވަނީ މި ސަރުކާރުން މަޑު ޖައްސާލާ ނުވަތަ ހުއްޓާލާފައިވާކަން ފާހަގަ ކުރެވެއެވެ.
އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ސަރުކާރުގެ ދަރަނި އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) 112.2 ބިލިއަން ރުފިޔާގައި ހުރިކަން ފާހަގަކުރެވެއެވެ.
އެމްއެމްއޭ އިން ބުނާގޮތުގައި އަހަރުގެ ފެށުނީއްސުރެ ޖުލައިގެ ނިޔަލަށް ބަލާއިރު، ޖުމްލަ އެކްސްޕޯޓް 8 އިންސައްތަ އަށް ދަށްވެފައިވާއިރު، ޖުމްލަ އިމްޕޯޓް 4 އިންސައްތަ އަށް އިތުރުވެފައިވެއެވެ.
އެކްސްޕޯޓް ދަށްވެފައިވާ ސަބަބުތަކުގެ ގޮތުގައި އެމްއެމްއޭ އިން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި އުފައްދާ ތަކެތީގެ އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ގަނޑުކޮށްފައިވާ ކަޅުބިލަމަހާއި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްފައިވާ މަސް އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ.