ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 17:01
ވެނެޒުއޭލާގެ ރައީސް މަދޫރޯ ގެ މަތިންދާބޯޓު އެމެރިކާއިން އަތުލުމަށްފަހު ފްލޮރިޑާގައި ޖައްސާފައި
ވެނެޒުއޭލާގެ ރައީސް މަދޫރޯ ގެ މަތިންދާބޯޓު އެމެރިކާއިން އަތުލުމަށްފަހު ފްލޮރިޑާގައި ޖައްސާފައި
ވީސީޖީ
ވެނެޒުއޭލާގެ ރައީސްގެ މަތިންދާބޯޓު އަތުލައިގަތުން
ވެނެޒުއޭލާގެ ރައީސް މަދޫރޯ ގެ މަތިންދާބޯޓެއް އެމެރިކާ އިން އަތުލައިފި
ވަގަށް އެމެރިކާ އިން އެކްސްޕޯޓް ކުރި ބޯޓެއް ކަމަށް ބުނެ ބޯޓު އަތުލީ ޑޮމިނިކަން ރިޕަބްލިކް ގައި އޮއްވައެވެ. ބޯޓު މިހާރު އޮތީ އެމެރިކާގެ ފްލޮރިޑާ އަށް ގެނެސްފައެވެ.

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލާސް މަދޫރޯގެ މަތިންދާބޯޓެއް އަތުލައިފިއެވެ.

އެމެރިކާއިން ބޯޓު އަތުލުމަށް ފަހު ބުނީ މި ބޯޓަކީ 13 މިލިއަން އެމެރިކާ ޑޮލަރަށް ގަނެފައިވާ އަދި ގާނޫނާ ޚިލާފަށް އެމެރިކާ އިން ސްމަގްލް ކޮށްފައިވާ ބޯޓެއް ކަމަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ބުނާގޮތުގައި ފެލްކޯން 900-އީއެކްސް ބްރޭންޑުގެ މި މަތިންދާބޯޓު އަތުލީ ޑޮމިނިކަން ރިޕަބްލިކްގައި ބޯޓު އޮއްވައެވެ.

ބޯޓު މިހާރު ވަނީ އެމެރިކާގެ ފްލޮރިޑާ އަށް ގެންގޮސްފައެވެ.

ބޯޓު ޑޮމިނިކަން ރިޕަބްލިކަށް ދިޔަ ގޮތާއި ދިޔަ ބޭނުން އަދި ދިޔަ ދުވަހެއް ރިޕޯޓްތަކުން ސާފެއް ނުވެއެވެ. ނަމަވެސް ބޯޓުގެ ދަތުރުފަތުރުގެ މަޢުލޫމާތުން ދައްކާގޮތުގައި ބޯޓު ވަނީ ހޯމަ ދުވަހު ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންތޯ ޑޮމިންގޯ ކައިރީގައިވާ ލާ އިސަބެލާ ވައިގެ ބަނދަރުން ފުރައިގެން ފްލޮރިޑާގެ ފޯޓް ލޯޑަރޑޭލް ވައިގެ ބަނދަރަށް ޖައްސާފައެވެ.

ވެނެޒުއޭލާއިން ވަނީ މި އަމަލު ކުށްވެރިކޮށް މިއީ "ފޭރުމުގެ ޢަމަލެއް" ކަމުގައި ބުނެފައެވެ.

ވެނެޒުއޭލާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޤައުމަށް ލިބުނު މި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވެންހުރި ހުރިހާ ޤާނޫނީ މަސައްކަތެއް ކުރާނެ،" ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި މި ބޯޓް އަތުލީ ވެނެޒުއޭލާ އަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ތެރެއިން ގާނޫނާ އެއް ގޮތައް އެމެރިކާއިން ވެނެޒުއޭލާ އަށް އެކްސްޕޯޓް ކުރެވިދާނެ މުދަލެއް ކަމަށް ނުދެކޭތީ ކަމުގައެވެ.

އެމެރިކާގެ އޮފިޝަލުން އިތުރަށް ބުނެފައިވަނީ ތަޙްޤީޤުން ދައްކާގޮތުގައި މަދޫރޯއާ ގުޅުންހުރި ބަޔަކު ބޯޓު ގަނެފައިވަނީ ކެރިބިއަންގެ ޝެލް ކުންފުނި މެދުވެރިކޮށް 2022 ވަނަ އަހަރުގެ ފަހުކޮޅު އަދި 2023 ވަނަ އަހަރުގެ ކުރީކޮޅު ފްލޮރިޑާގެ ކުންފުންޏަކުން ކަމަށާއި، ބޯޓު ގަތުމުގައި ބައިވެރިވި މީހުން މިކަމުގައި ޝާމިލްވިކަން އޮތީ ސިއްރު ކޮށްފައި ކަމަށެވެ.

އޭގެ ފަހުން ގާނޫނާ ޚިލާފަށް ކެރީބިއަން ގެ ތެރެއިން ވެނެޒުއޭލާ އަށް ބޯޓު އެކްސްޕޯޓް ކޮށްފައިވަނީ އޭޕްރީލް 2023 ގައި ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ރައީސް މަދޫރޯ ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ބޭނުން ކުރައްވަނީ މި ބޯޓެވެ.

މަދޫރޯ އާއި ވެނެޒުއެލާގެ ސަރުކާރަށް އެމެރިކާގެ ފެޑެރަލް އޮތޯރިޓީތަކުން ކޮރަޕްޝަންގެ ތުހުމަތު ކޮށް ޓާގެޓް ކުރި މިއީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ވެއެވެ.

2002 ވަނަ އަހަރު، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މަދޫރޯ އާއި ވެނެޒުއެލާގެ 14 އޮފިޝަލުންނާ ދެކޮޅަށް ނާކޯ-ޓެރަރިޒަމް، ކޮރަޕްޝަން، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ އެކި ކުށްތަކުގެ ދައުވާ އުފުލާފައިވެއެވެ.

މިސްޓަރ މަދޫރޯ ހައްޔަރުކުރުމަށް ނުވަތަ އޭނާގެ މައްޗަށް ޙުކުމެއް ކުރުމަށް މަގުފަހިވާފަދަ މަޢުލޫމާތެއް ދޭ ފަރާތަކަށް 15 މިލިއަން ޑޮލަރާ ހަމައަށް އިނާމެއް ދޭނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް