ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 21:50
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ސިޔާސީ މުވައްޒަފުން
ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!
މިއީ 2012 ވަނަ އަހަރު ގެޒެޓު ކުރި އުސޫލެއް
އުސޫލަށް ވަނީ 7 އިސްލާހެއް ގެނެސްފައި
އިސްލާހުގެ ތެރެއިން ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގެ ދަށުން އައްޔަނުކުރާ މުވައްޒަފުން އުނިކޮށްފައި

ބޭރުގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އަމަލުކުރަން ނުޖެހޭގޮތަށް "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް ބަދަލު ގެނެސް ގެޒެޓުގައި އާންމުކޮށްފި އެވެ.

މިއީ 2012 ވަނަ އަހަރު ގެޒެޓު ކޮށްފައިވާ އުސޫލެއް ނަމަވެސް، މިހާތަނަށް މި އުސޫލަށް 7 އިސްލާހެއް ވަނީ ގެނެސްފަ އެވެ.

މިއުސޫލަށް އެންމެފަހުން ގެނައި އިސްލާހުގެ ތެރެއިން ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގެ ދަށުން އައްޔަނު ކުރާ މުވައްޒަފުން އުނިކޮށްފަ އެވެ. އެހެން ކަމުން ބޭރުގައުމުތަކަށް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރައީސް އައްޔަނުކުރާ ސަފީރުންނެއް މި އުސޫލަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ.

އެހެން ކަމުން މި އުސޫލަކީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކޯޑިނޭޓަރުންނާއި އެނޫން ވެސް ސިޔާސީ މަގާމުތަކަށް އަންޔަނު ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭނެ އުސޫލެވެ.

 އުސޫލުގެ ދަށުން ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދިނުމުގެ އިތުރަށް، ސަރުކާރުން ނިންމާ ނިންމުތައް ބަލައިގަނެ، އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް މި އުސޫލުގައި ބުނެ އެވެ. އަދި ނިންމުންތަކާ މެދު ހިޔާލުތަފާތުވި ކަމުގައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކިވަކި ފަރުދުންނާއި އާންމު ތަންތަނުގައި ނުވަތަ މީޑިޔާގައި ވާހަކަދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާ ސޯޝަލް މީޑިޔާގައި ލިޔެގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އެއްވެސް މުދަލެއް، ފައިސާއެއް ނުވަތަ ވަސީލަތެއް ވެސް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ ބޭނުން ނުކުރެވޭނެ ކަަމަށާއި އިގްތިސާދީ ނުވަތަ މާލީ ފައިސާއެއް މަންފާއެއް ހާސިލުކުރުމަށްޓަކާއި ސަރުކާރުގެ މުވައްޒަފަކު ލައްވައި، ސަރުކާރުގެ މަސައްކަތުގެ ގަޑީގައި މުވައްޒަފުގެ މަޤާމުގެ ހައިސިއްޔަތުން ކުރުވަންޖެހޭ މަސައްކަތް މެނުވީ އެހެން މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މައުލޫމާތެއް، އަމިއްލަ މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދާދިނުމަށް ނުވަތަ އެހެން މީހަކަށް ލިބެން އޮތް މަންފާއަކުން މަހުރޫމުކުރުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.

 މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމުގެ އިތުރަށް، މަގާމުގެ ހައިސިއްޔަތުން ސައްހަނޫން މައުލޫމާތެއް ހާމަކުރެވިއްޖެނަމަ އެމައުލޫމާތެއް ވީހައި އަވަހަކަށް ރަނގަޅު ކުރުމަށާއި ގައުމީ ސަލާމަތަށާއި އާންމު މަސްލަހަތަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން ސިއްރު ކުރަންޖެހޭ މައުލޫމާތެއް ސިއްރުކުރުމަށް ވެސް ސިޔާސީ މުވައްޒަފުން މަސައްކަތް ކުރުމުގެ އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

މި އުސޫލުގެ ދަށުން ޗުއްޓީ އާއި ދަތުރުތަކަށް ދިއުމުގެ އިތުރަށް ވަޒީފާ އަދާކުރަންޖެހޭ ގޮތާއި ވަޒީފާއަށް ދާއިރު ހެދުން އެޅުން ހުންނަންޖެހޭނެ ގޮތް ވަނީ ބަޔާން ކޮށްފަ އެވެ.

މީގެ އިތުރުން މުވައްޒަފު މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް އެންގުމަށް ފަހު، އިސްތިއުފާދޭން ބޭނުންވާ ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މުވައްޒަފު ވަޒީފާއިން ވަކި ވާނީ މުވައްޒަފު ވަޒީފާއިން ވަކިކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިޔުމަކުން އެންގުމުން ކަމަށް ވެސް ވަނީ އުސޫލުގައި ބުނެފަ އެވެ.

މީގެ އިތުރުން މަގާމުން ވަކިވުމަށް ފަހު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބޭ މައުލޫމާތާއި އުފެދޭ ގުޅުންތަކާއި މަޤާމުން ވަކިވުމަށް ފަހު ނާޖާއިޒުގޮތުގައި  އެ މައުލޫމާތުތައް ބޭނުން ކޮށްގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެ އެވެ.  ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މުވައްޒަފަކު އަމަލުކުރަމުންދާކަމަށް ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފާހަގަ ކުރެވިއްޖެ ހިނދެއްގައި އެކަންކަން އިސްލާހުކުރަން އެމުވައްޒަފަކަށް އެނގޭނެ ކަމަށާއި މުވައްޒަފު ތަކުރާރުކޮށް، އުސޫލުތަކާ ހިލާފުވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަމެއް ގެނެވޭނެ ކަަމަށް އުސޫލުގައި ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް