Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 20:52
އާދަމް އަތުހަރު ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ވެއްޓިފައި
އާދަމް އަތުހަރު ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ވެއްޓިފައި
ރާއްޖެއެމްވީ
އަތުހަރު މަރުވުން
އަތުހަރު މަރުވި ގޮތާމެދު އާއިލާއިން ސުވާލު އުފައްދައިފި
އާއިލާ އިން ޕޯސްޓްމޯޓަމް ހަދާކަށް ބޭނުމެއް ނޫން
ދަންޖެހެން އުޅުނު ގޮތުގެ ފުޓޭޖެއް ދޭން އާއިލާއިން ފުލުހުންގެ ކިބައިން ވަނީ އެދިފައި
އަތުހަރުގެ އެއްބަނޑު އެއްބަފާ ބޭބެ ބުނީ އޭނާ ދަންޖެހެން އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް

އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު މަރުވި ގޮތާމެދު އޭނާގެ އާއިލާއިން ސުވާލު އުފައްދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ހައްޔަރު ކޮށްފައި ހުއްޓާ ފުލުހުން ބުނީ އޭނާ މަރުވީ ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށްނެވެ.

Advertisement

އަތުހަރުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ތަސްމީން މިހާދިސާ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ އަތުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް، އަތުހަރުގެ އިސްކޮޅުގައި 6 ފޫޓު ވަރު ހުންނާނެ ކަމަށާއި، ދަންޖެހެން އެއަށްވުރެ މައްޗަށް އަރަން ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު އެކަން އޭނާ ކުރާނީ ކިހިނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މަރުވުމުގެ ކުރިން އެއްފަހަރު އަތުހަރު ކައިރިއަށް ވެއްދި، މަރުވި ފަހުން ސާފުކޮށްފައި އޮއްވާ ބަލާލިއިރު އިރުވެސް ކަރުގައި ދަންޖެހެން އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ނުފެނޭ.
އަތުހަރުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ތަސްމީން

އަތުހަރު މަރުވީ ހޯމަ ދުވަހު ހަވީރު 4:08 ގައި ކަމަށާއި، ދަންޖެހިފައި ހުރިނަމަ ކަރުގައި ރަތްވެފައި ހުންނާނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށް ތަސްމީން ބުންޏެވެ.

ތަސްމީން ބުނީ އާއިލާއިން އަތުހަރުގެ ޕޯސްޓްމޯޓަމް ހަދާކަށް ބޭނުމެއް ނުވާކަމަށާއި، ބޭނުންވަނީ އަވަހަށް ވަޅުލުމަށް ކަމަށެވެ.

ތަސްމީން ބުނި ގޮތުގައި ފުލުހުންނާއި ބައްދަލުކޮށް އަތުހަރު ދަންޖެހިފައި ހުރި ފުޓޭޖް އާއިލާއިން ވަނީ އެދިފައެވެ.

ފުލުހުން ހޯމަ ދުވަހު އާންމުކުރި މައުލޫމާތު ގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އާދިއްތަ ދުވަހު އިރު އޮއްސި 7:02 ގަ އެވެ.

ފުލުހުން ބުނެފައިވަނީ ހޯމަ ވިލޭރޭ 7:14 ވީއިރު އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށެވެ.

އަތުހަރު ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ބޮލުގައި ފުލުހަކު މުގުރުން ޖަހާ ތަނާއި އެވަގުތު އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. ފުލުހުން ދީފައިވާ މައުލޫމާތައް ބަލާއިރު އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގައި ވެސް އަތުހަރަށް ވަނީ ޖަލަށް ގެންދިއުމުގެ ކުރިން ފަރުވާ ދީފައެވެ. ފުލުހުން ކުރިން ބުނީ ޖަލަށް ގެންދިޔަ އިރު އޭނާގެ ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅު ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް